މިއަހަރުގެ ޖުލައިމަހު ގްރީން ފަންޑުން 29.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.
ފިނޭންސް މިނިސްޓްރީން ޢާއްމުކުރައްވާފައިވާ ގްރީން ފަންޑުގެ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ޖުލައިމަހު 16 މަޝްރޫއަކަށް ގްރީން ފަންޑުން ވަނީ ޚަރަދުކޮށްފައެވެ. މީގެތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތްތަކުގެ އިތުރުން ކުނި މެނޭޖްކުރުމުގެ މަޝްރޫއުތައް ހިމެނެއެވެ.
ގްރީން ފަންޑު ރިޕޯޓުން ދައްކާގޮތުން ޖުލައިމަހު ގްރީން ފަންޑުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އައުޓަރ އައިލެންޑް ހާބަރ، ވޯޓާ ސަޕްލައި އެންޑު ސުވަރޭޖް މަޝްރޫއަށެވެ. މި މަޝްރޫއަށް 17.6 މިލިއަން ވަނީ ޚަރަދުކޮށްފައެވެ. 2 ވަނައަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ސ. ފޭދޫގައި ފެން ހިންދުމުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢަށެވެ. އެއީ 3.8 މިލިއަން ރުފިޔާއެވެ.
ގްރީން ޓެކްސްގެ ގޮތުގައި ނަގަނީ ރިޒޯޓުތަކާއި ސަފާރީ އާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން 6 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 3 ޑޮލަރެވެ. ގްރީން ޓެކްސް ނަގަން ފަށާފައިވަނީ 2016ވަނަ އަހަރުގެ ތެރޭގައެވެ.
ޖުލައިމަހު ގްރީން ފަންޑަށް 28 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިއަހަރުގެ ޖެނުއަރީން ފެށިގެން ޖުލައިމަހަށް ބަލާއިރު، އެންމެ ދަށް އަދަދެއް ގްރީން ފަންޑަށް ޖަމާވި މަހެވެ. މީގެ ސަބަބެއް ކަމަށް ބެލެވެނީ ޖުލައިމަހު ރާއްޖޭގެ ކޯވިޑް ހާލަތު ގޯސްވެ ރާއްޖެއަށް އެމަހު އައި ފަތުރުވެރިންގެ އަދަދު ދަށްވުމެވެ.
ގްރީން ފަންޑަށް އެންމެ ބޮޑު އާމްދަނީއެއް ޖުލައިމަހު ލިބިފައިވަނީ ކ.އަތޮޅުންނެވެ. އެއީ 10 މިލިއަން ރުފިޔާއެވެ. 2ވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ރ.އަތޮޅުންނެވެ. އެއީ 2.7 މިލިއަން ރުފިޔާއެވެ. ޖުލައިމަސް ނިމުނު އިރު ގްރީން ފަންޑުގައި ހުރީ ޖުމްލަ 1.02 ބިލިއަން ރުފިޔާއެވެ.
ގްރީން ފަންޑަކީ ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމަށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކްހެކެވެ. މި ޓެކްސް ރިސޯޓްތަކާއި، ގެސްޓްހައުސްއާއި، ސިޓީ ހޮޓާތަކާއި، ސަފާރީތަކަށް އަންނަ ފަތުރުވެރިންވެސް ދައްކަންޖެހެއެވެ.