ކުޅިވަރު

ރާއްޖެ މެޗަށް މާބޮޑަށް ވިސްނައިފިއްޔާ ފަހުން ރޯންޖެހިދާނެ - އަލްމުތައިރީ


ލަންކާ މެޗަށް ނިކުންނާނީ ފީފާ ރޭންކިންއަށް ބަލައިގެން ނޫންކަމަށް ނޭޕާލްގެ ގައުމީ ޓީމްގެ ކޯޗް ޢަބްދުﷲ އަލްމުތައިރީ ބުނެފިއެވެ. އުރީދޫ ސާފް ޗެންޕިއަންޝިޕްގެ ފުރަތަމަ މެޗްގައި ނޭޕާލުން ވަނީ ރާއްޖެ 1 ލަނޑު 0 ލަނޑުން ބަލިކޮށްފައެވެ. އަދި ލަންކާ ވަނީ ބަންގްލަދޭޝްއާއި ވާދަކޮށް 1 ލަނޑު 0 ލަނޑުން ބަލިވެފައެވެ. މިރޭ ސްރީލަންކާއާއި ދެކޮޅަށް ނިކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ނޭޕާލްގެ ގައުމީ ޓީމްގެ ކޯޗް ޢަބްދުﷲ އަލްމުތައިރީ ބުނީ މިމުބާރާތާއި ކުރިމަތިލީވެސް ފީފާ ރޭންކިން އަށް ބަލައިގެން ނޫންކަމަށާއި ފިފާ ރޭންކިންއަށް ބަލާއިރު އެއީ ހަގީގަތުގައި ގައުމްތަކުން ކުރަމުންދާ މަސައްކަތާއި އެއްގޮތަށް ނެރޭ ރޭންކިންއެއް ނޫންކަމަށް ނޭޕާލްގެ ކޯޗް ބުންޏެވެ.

ފީފާ ރޭންކިންއަށް ބަލާއިރު، މިވަގުތު ނޭޕާލްއޮތީ ދުނިޔޭގެ 168 ވަނައިގައެވެ. ފީފާ ރޭންކިންއަށް ބަލާއިރު ލަންކާ އޮތީ ދުނިޔޭގެ 205ވަނައިގައެވެ. ނޭޕާލްގެ ކޯޗް ބުނީ ފީފާ ރޭންކިންއަށް ވިސްނައިގެން މެޗަށް ނިކުމެއްޖެނަމަ، ނޭޕާލަށް ވަރަށް ބޮޑު ގެއްލުމެއް ވެދާނެކަމަށާއި ނޭޕާލުން ލަންކާއާއި ދެކޮޅަށް ނިކުންނާނީ ރާއްޖެ މެޗުން ލިބުނު ޕޮއިންޓާއެކު އެމެޗުން ލިބުނު ހިތްވަރާއެކުއެވެ. ނޭޕާލްގެ ކޯޗް ބުނީ ފީފާ ރޭންކިންއަށް ބަލާއިރު ފާކިސްތާން އޮތީ 202 ވަނައިގައިކަމަށާއި ނަމަވެސް ދެ އަހަރުވަންދެން ޕާކިސްތާން ސަސްޕެންޝަންގައި އޮތް އިރުވެސް އެޓީމުގެ ރޭންކިން ކުރިއަރާފައިވާކަމަށެވެ. ސަސްފެންޑްވި ފަހުން އެޓީމުވަނީ 198ވަނައަށް ކުރިއަރާފައެވެ. އެހެންކަމުން މިގޮތަށް ބަލާއިރުވެސް ފިފާ ރޭންކިންއަކީ ގައުމުތަކުން ކުޅޭ މެޗްތަކަށް ބަލައިގެން ހަދާއެއްޗެއް ނޫންކަމަށްވެސް ނޭޕާލްގެ ގައުމީ ޓީމްގެ ކޯޗް ޢަބްދުﷲ އަލްމުތައިރީ ބުންޏެވެ.

"ސްރީ ލަންކާ މި އޮތީ 205 ވަނައިގައި (ނޭޕާލް)ގެ ވަރަށް ގިނަ ސަޕޯޓަރުން އަހަންނަށް މެސެޖް އެބަކުރޭ 5-0 އިން މޮޅުވާން ނޫނީ 6-0 އިން މޮޅުވާން. އެއީ ފަސޭހަ ކަމެއް ނޫން. މާދަމާ އަހަރެން 1-0 އިން މޮޅު ވިޔަސް އަހަރެން ހުންނާނީ ވަރަށް އުފަލުން. ހަމައެކަނި ތިން ޕޮއިންޓް ޓާގެޓަކީ. އެހެން ނަތީޖާއެއް މުހިއްމެއް ނޫން. ފުރަަތަމަ މިނިޓްގައި ލަނޑެއް ޖެހުނަސް އަހަރެން ބުނާނަން ހުރިހާ ކުޅުންތެރިން ފަހަތަށް ފައިބަން،" މުތައިރީ ބުންޏެވެ.

ފުރަތަމަ މެޗުގައި ނޭޕާލުން ރާއްޖޭގެ މައްޗަށް ހޯދީ ތާރީޚީ މޮޅެކެވެ. މިއީ ސާފް ޗެމްޕިއަންޝިޕެއްގައި ނޭޕާލަށް ރާއްޖެ އަތުން ލިބުނު ފުރަތަމަ މޮޅެވެ. އެ މެޗުގެ ކުރިން ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލުން ރާއްޖެއާ ދެކޮޅަށް ނުކުތް ހަތް ފަހަރު ވެސް މޮޅެއް ނުލިބެއެވެ. ކޯޗު ބުނީ ލަންކާ މެޗަށް ނުކުންނައިރު ރާއްޖެ މެޗުން ލިބުނު ޕޮއިންޓާމެދު މާ ބޮޑަށް ވިސަންނައިގެން ކުޅެން އުޅެފިނަމަ، ފަހުން އެކަމުގެ ހިތާމަ ކުރަން ޖެހިދާނެކަމަށާއި، ރާއްޖޭގެ މެޗްގައި ހިގައިދިޔަ ހުރިހާކަމެއް ހާދާން ނައްތާލަން ޖެހޭކަމަށެވެ.