ވިޔަފާރި

އިޤްތިޞާދީ ކުރިއެރުމާއެކު އެކައުންޓެންޓުންގެ ރޯލް މުހިންމު - އޮޑިޓަރ ޖެނެރަލް


ރާއްޖޭގެ އިޤްތިސާދު ކުރިއަރަމުންދާއިރު އެކައުންޓެންޓުންގެ ރޯލް ވަރަށް މުހިންމުކަމަށް އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލް މިހެން ވިދާޅުވީ އިންސްޓިޓުޓް އޮފް ޗާޓަޑް އެކައުންޓަންޓްސް އޮފް މޯލްޑިވްސް، (ސީއޭ މޯލްޑިވްސް)އާއި މިނިސްޓްރީން އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާ ދެމެދު އެކައުންޓަންޓުން ތަމްރީމް ކުރުމާއި ގުޅޭ އެއްބަސް ވުމެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާޢީލެވެ. އަދި ސީއޭގެ ފަރާތުން ސޮއިކުރެއްވީ އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީއެވެ.

މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން އޮޑިޓަރ ޖެނެރަލް ވިދާޅުވީ އިންސްޓިޓުޓް އޮފް ޗާޓަޑް އެކައުންޓަންޓްސް އޮފް މޯލްޑިވްސްއިން ކުރިއަށްގެންދިޔަ ދިރާސާއަކުން ދައްކާގޮތުން ރާއްޖޭގެ ޕްރައިވެޓް ސެކްޓަރގައި އެކަނިވެސް ގާތްގަނޑަކަށް 5000 އެއްހައި ބޭރުގެ އެކައުންޓެންޓުން މަސައްކަތްކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ ދިވެހިން މިދާއިރާއިން ތަމްރީން ކުރުމަށް، ކިޔަވަމުންދާ ދަރިވަރުންނަކީވެސް ޕްރޮފެޝަނީ ކޮލިފައިޑް، ތަޖުރިބާހުރި ކުދިންނަށް ހެދުން، މި އެއްބަސްވުމުގެ ދަށުން އެ މަސައްކަތްތަށް ކުރިއަށްދާނެ،" ނިޔާޒީ ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން އެކައުންޓަންޓުންނާއި އޮޑިޓަރުނަށް ބޭނުންވާ ތަމްރީނުތައް ދިނުމަށް އެހީވެދޭނެއެވެ. އަދި ބިޒްނަސް ސެންޓަރ ކޯރޕަރޭޝަނާ ގުޅިގެން ކުދި ވިޔަފާރިވެރިންނަށް ބޭނުންވާ އެހީތެރިކަންވެސް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފޯރުކޮށްދޭނެއެވެ.

ސޮއިކުރުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލްވެސް ވަނީ ރާއްޖޭގެ އިޤްތިސާދު ކުރިއަރަމުންދާއިރު އެކައުންޓަންޓުންގެ މުހިންމުކަމާ ގުޅޭގޮތުން ވާހަަކަދައްކަވާފައެވެ. އެގޮތުން މި ދާއިރާއިން ތައުލީމް ހާސިލްކޮށްފައިވާ ދިވެހިން މަދުކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މިއީ ގެރެންޓީޑް ރަނގަޅު ޢާމްދަނީއެއް ލިބޭނެ ދާއިރާއަކަށްވާއިރު، އެބަޖެހޭ އިތުރު ފޯކަސްއެއް ދޭން، އިތުރު މީހުން ބިނާކޮށްގެން މި ފިލްޑަށް ނެރެން އެބަ ޖެހޭ،" މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.

އެކައުންޓެންޓުނަށް ބޭނުންވާ ތަމްރީނުތަށް ދިނުމަށް ބޭނުންވާ ފަންޑިންގ ހަމަޖެއްސުމަށް ވޯލްޑް ބޭންކާއި ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ދަނީ މަސައްކަތްކުރައްވަމުންނެވެ. އެގޮތުން މިއަހަރު ފަހުކޮޅު މިކަމުގެ ޢަމަލީ މަސައްކަތްތަށް ފެށޭނެކަމަށް ސީއޭ މޯލްޑިވްސްއިން މައުލޫމާތުދެއްވައެވެ. އަދި ތަމްރީނުތައް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން އެޑިއުކޭޝަން އިންސްޓިޓުޓްތަކާއި ޕްރޮފެޝަނަލް އެކައުންޓިންގ އިދާރާތަކާއެކު މިހާރުވެސް މަޝްވަރާތައް ކުރިއަށްގެންގޮސްފައިވާކަމަށް ސީއޭ މޯލްޑިވްސްއިން މައުލޫމާތުދެއްވައެވެ.