ޚަބަރު

ދުނިޔެއަށް ބޭރުކުރާ ވިހަ މާއްދާތަކުގެ %0.001 ވެސް ރާއްޖެ ހިއްސާ ނުކުރޭ: ރައީސް ނަޝީދު


ދުނިޔެއަށް ބޭރު ކުރާ ވިހަ މާއްދާތަކުގެ %0.001 ވެސް ރާއްޖެ ހިއްސާ ނުކުރާ ކަމަށް ރައްޔިތުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސީއެންއެންއިން ގެނެސްދޭ ކަނެކްޓް ދަ ވޯލްޑް ޕްރޮގްރާމުގައި މޫސުމަށް އަންނަ ބަދަލު ތަކާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ހިރާސްތައް ކުރިމަތިވެފައިވާ ރާއްޖެ އެތައް ޤައުމެއްގައި އެމަނިކުފާނު ތަމްސީލު ކުރައްވާކަމަށެވެ. އެގޮތުން ކްލައިމެޓް ވަލްނަރަބަލް ފޯރަމަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެ ހިމެނިގެން 48 ޤައުމު ތަމްސީލު ކުރެވޭއިރު މިއިން ކޮންމެ ޤައުމަކީވެސް މޫސުމަށް އަންނަ ކޮންމެ ބަދަލަކުން ބޮޑެތި ގެއްލުންތަކެއް ވާނެ ޤައުމުތަކެއް ކަމަށެވެ.

އަދި ދުނިޔޭގެ ފިނިހޫނުމިން 1.2 ޑިގްރީއަށް މައްޗަށް ދިއުމުން، ރާއްޖޭއާއި ޖަރުމަންވިލާތާއި، އެމެރިކާ، ސާބިއާ އަދި އެންޓާޓިކާ ފަދަ ތަންތަނުގައި މިހާރު ވަމުންދާ ގޮތް ފެންނަމުންދާ ކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. އަދި މިކަންކަމުގައި ރާއްޖޭގެ %0.001 ހިއްސާވެސް ދުނިޔޭގެ ނިސްބަތުން ނެތް ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ބައެއް ޤައުމުތަކުން 2030 ވަނަ އަހަރަށް ނެޓް ޒީރޯ ކުރުމަށް ބުނާއިރު އަނެއް ބައި ޤައުމުތަކުން 2050 ވަނަ އަހަރު އެކަން ކުރުމަށް ވާހަކަ ދައްކާ ކަމަށެވެ. ނަމަވެސް ރާއްޖެ ފަދަ ޤައުމަކަށް މަޑު މަޑުން ފިނިހޫނުމިން އިތުރުވަމުން ގޮސް، 2 ޑިގްރީ އިތުރުވާ ހިސާބަށް ދާއިރު އެދެވެނީ މަރުގެ ހުކުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިފަދަ ކުޑަ ބަދަލުތަކުން ރާއްޖެ ފަދަ ޤައުމަކަށް ވަރަށް ބޮޑު އަސަރު ކުރާނެކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

ރައީސް ނަޝީދުވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އިންސާނީ ހައްޤުތަކަށް އަސަރު ކުރޭތޯ ބަލަން އ.ދ އިން ޚާއްސަ މަންދޫބަކު ބެހެއްޓުން މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި މިފަހުން އެކަމާއި ގުޅޭ ގޮތުން ފާސް ކުރެވުނު ޤަރާރަށް އިޝާރަތް ކުރައްވާ އެމަނިކުފާނު ވިދާޅުވީ އެފަދަ މަންދޫބެއް ގެނައުމަށް ވަކާލާތު ކުރި އެންމެ މުހިންމު ސަބަބަކީ ޤައުމެއްގައި ޤުދުރަތީ ކާރިސާއެއް ދިމާވާއިރު، އެކަމާއި ކުރިމަތިވީ ކޮންބައެއްގެ މައްސަލައަކުން ކަން ސާފު ވާން ޖެހޭތީ ކަމަށެވެ.

އެގޮތުން ކޮންމެ ކަމެއް ވުމުންވެސް އެކަމަކީ އެހެން ޤައުމުތަކުން ތިމާވެއްޓަށް ދިން ގެއްލުމެއްތޯ ނުވަތަ، ޤައުމުތަކުން ތަރައްޤީއަށްޓަކައި އަމިއްލައަށް ކުރި ކަމަކުން ކުރިމަތިލާންޖެހުނު ކަމެއްތޯ އެ މަންދޫބު އައިސް ސާފު ކޮށްދޭން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ސީއެންއެންގެ މިޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި ރާއްޖޭގެ ތިމާވެށި ނާޒުކު ވެފައިވާ މިންވަރާއި ދުނިޔޭގެ ފިނިހޫނުމިނަށް އަންނަ ބަދަލުތަކުން ކުރާނެ އަސަރުތަކަށް ރައީސް ނަޝީދު ވަނީ އަލިއަޅުއްވާލައްވާފައެވެ.