ޗައިނާގެ އެންމެ ބޮޑު އެއް ޝިޕިންގ ކުންފުނި، ކޮސްކޯ ޝިޕިންގ ހޯލްޑިގްސްއަށް މިއަހަރުގެ ތިންވަނަ ކުއާޓަރގައި 4.73 ބިލިއަން ޑޮލަރުގެ ފައިދާއެއް ވާނެ ކަމަށް ލަފާކޮށްފިއެވެ.
މިއާއެކު ކޮސްކޯއަށް މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށްވަނީ ފައިދާގެ ގޮތުގައި ޖުމްލަ 10.5 ބިލިއަން ޑޮލަރު ލިބިފައެވެ. މިއީ މިދޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %1650 އިތުރު ޢަދަދެކެވެ.
ކޯވިޑާ ގުޅިގެން މިދިޔަ އަހަރު ދުނިޔޭގެ އިޤްތިސާދީ ދުވެލި މަޑުޖެހިފައި އޮތުމަށްފަހު މިއަހަރުތެރޭގައި ދުނިޔޭގެ އެކި ހިސާބުތަކުގައި އިޤްތިސާދީ ހަރަކާތްތަށް އިތުރުވެ، ކޮންޓެއިނަރުގައި މުދާ އުފުލާ ކުންފުނިތަކަށްވަނީ ޑިމާންޑު ބޮޑުވެފައެވެ.
އެހެންނަމަވެސް ކުއްލިއަކަށް ޑިމާންޑު އުފުލުމުން ގިނަ ދަތިތަކާ ކުރިމަތިލާން ޖެހުނުކަން ކޮސްކޯއިން ފާހަގަކުރެއެވެ. އެގޮތުން ޑިމާންޑާ އެއްވަރަށް ތަކެތި ގަޑިއަށް ސަޕްލައި ކުުރުމުގައި އުނދަގޫތަކާ ކުރިމަތިލާން ޖެހުނުކަމަށް ކޮސްކޯއިން ފާހަގަކުރެއެވެ.
މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު ކޮސްްކޯގެ ޝިޕިންގ ވޮލިއުމްވަނީ 20.4 މިލިއަން ޓީއީޔޫއަށް އިތުރުވެފައެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު %8.03 އިތުރު ޢަދަދެކެވެ.
މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުތެރޭވެސް ކޮސްކޯއިންވަނީ ރަނގަޅު ފައިދާއެއް ހޯދާފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެތެރޭގައި އެކުންފުންޏަށް 5.7 ބިލިއަން ޑޮލަރުގެ ފައިދާއެއް ލިބިފައިވެއެވެ. އަދި ޢާމްދަނީގެ ގޮތުގައި 21.6 ބިލިއަން ޑޮލަރުގެ އާމްދަނީއެއްވަނީ ލިބިފައެވެ.