ކުޅިވަރު

މޮޅުވުމުގެ ރޫޙު ގައުމީ ޓީމްގައި ހުރި މިންވަރުން މިސާލުވެސް ޖެހިދާނެ: ސުޒޭން


ގައުމީ ޓީމުގެ ކިބައިން މިފަދަ މޮޅުވުމުގެ ރޫހެއް މީގެ ކުރިން ފެނިފައިނުވާކަމަށް ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު ޢަލީ ސުޒޭން ބުނެފިއެވެ. އުރީދޫ ސާފް ޗެންޕިއަންޝިޕްގައި ރާއްޖެއިން މިހާތަނަށް ތިން މެޗް ކުޅެފައިވާއިރު، ފުރަތަމަ މެޗު ނެޕާލް އަތުން ބަލިވިނަމަވެސް، ދެވަނަ މެޗްގައި ބަންގަލަދޭޝް އާއި ތިންވަނަ މެޗްގައި ސްރީ ލަންކާއަތުންވަނީ މޮޅުވެފައެވެ. ލަންކާ ބަލިކުރުމާއި ގުޅިގެން ރާއްޖެއަށްވަނީ ފައިނަލަށް ދިއުގެ އުއްމީދު އާވެފައެވެ.

މެޗަށްފަހު ވާހަކަދައްކަމުން ގައުމީ ޓީމުގެ ކޯޗު ޢަލީ ސުޒޭންބުނީ މިމެޗުން ރާއްޖޭގެ ޓީމު މޮޅުވީ ކުޅުންތެރިން ކުރި ބުރަ މަސައްކަތުގެ ސަބަބުންކަމަށާއި މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމާއި މެދުވެސް ވަރަށް ހިތްހަމަޖެހޭކަމަށެވެ. މިމެޗް ރާއްޖެ 1 ލަނޑު 0 ލަނޑުން ކާމިޔާބުކުރިނަމަވެސް، ރާއްޖެއަށް ލީޑް ފުޅާކުރުމަށް ވަރަށް ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ. ގައުމީ ކޯޗް ޢަލީ ސުޒޭން ބުނީ މެޗުގައި ރާއްޖެއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފޭކަމަކީ މީގެ ކުރިންވެސް ފާހަގަ ކުޅެފައިވާކަމެއްކަމަށާއި މިކަމަށް ހައްލެއް ހޯދުމަށް މިހާރުވެސް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ރާއްޖޭގެ ސެޓް ޕްލޭސްތައް ވަރަށް ބޮޑަށް ރަނގަޅުކަން ފާހަގަކުރެވިފައިވާކަމާއި އެއީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ސުޒޭން ބުނީ މިއަށް ވުރެއް ޓީމް ރޫހު ރަނގަޅު ފަހަރެއް ނުދެކޭކަމަށާއި މިއީ ޓީމް ރޫހު އެންމެ ރަނގަޅު ފަހަރުކަމަށެވެ.

"މި މެޗަށް ތައްޔާރުވެގެން، އިއްޔެ އިން ފެށިގެން މިއަދަށް އާއިރު ވެސް، ޓީމުގެ ތެރޭގައި އޮތް ރޫހު. ގައުމީ ޓީމުގެ ތެރޭގައި މިހާރު އޮތް ރޫހެއް ދުވަހަކު ވެސް ނެތް އަދި މީގެ ކުރިއަކުން. ކުރިން ކުދިކުދި ބައިވައިވުންތަކާއި ހިޔާލު ތަފާތުވުންތައް، އަޅުގަނޑު ކުރިން މަސައްކަތްކުރި ފަހަރު ވެސް ބައެއް ފަހަރު ހުރި. މިއީ ރާއްޖޭގެ ތާރީހުގައި ވެސް މި ގޮތަށް މިހާ އެކުވެރިކޮށް، ޚައްސަކޮށް ސީނިއާ ޤައުމީ ޓީމެއް އޮތް ފަހަރުކަން އަޝްފާގް މެން ގަބޫލްކުރާނެ." ސުޒޭން ބުންޏެވެ.

މިމުބާރާތުގައި ރޭ އިންޑިޔާ ނޭޕާލްގެ މައްޗަށް ކުރި ހޯދުމާއި ގުޅިގެން އެ ޓީމު އޮތީ 5 ޕޮއިންޓާއެކު ތާވަލްގެ 3 ވަނައިގައެވެ. ނޭޕާލް ބަލިވުމުން ރާއްޖެ އަށް ވަނީ ތާވަލްގެ 1ވަނަ ލިބިފައެވެ. އެއީ ލަނޑުގެ ތަފާތުންނެވެ. ދެވަނައިގައި ނޭޕާލް ވެސް އޮތީ 6 ޕޮއިންޓާއެކުއެވެ. ބަންގްލަދޭޝް އޮތީ 4 ޕޮއިންޓާއެކު ތާވަލްގެ 4 ވަނައިގައެވެ. ލީގު އުސޫލުން ކުޅޭ ބުރުގެ ފަހު މެޗުތައް ބުދަ ދުވަހު ކުޅޭއިރު، މި ހަތަރު ޓީމަށް ވެސް ފައިނަލް ދިއުމުގެ ފުރުސަތު އެބައޮތެވެ. ހަތަރު މެޗުން އެއް ޕޮއިންޓް ހޯދި ސްރީ ލަންކާއަށް ވަނީ މުބާރާތުން ވަކިވާން ޖެހިފައެވެ.

މި މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ރާއްޖެ ކުޅޭ ފަހު މެޗުގައި، ބުދަ ދުވަހުގެ ރޭ ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ. އަދި އެދުވަހު ހަވީރު ވާދަ ކުރާ މެޗްގައި ބަންގްލަދޭޝް ނިކުންނާނީ ނޭޕާލާ ދެކޮޅަށެވެ.