ޚަބަރު

އުކުޅަހުން ރައީސަށް ހޫނު މަރުހަބާއެއް


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އުކުޅަހަށް ވަޑައިގަތުމުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

ރައީސް ޞާލިޙް އުކުޅަހަށް ވަޑައިގަތީ މިއަދު އިރުއޮއްސުނު ވަގުތުގައެވެ. އެމަނިކުފާނާއި އަރިހުގައި ވަޑައިގެންނެވި ވަޒީރުންނަށް އުކުޅަހު ބަނދަރު ސަަރަހައްދުން މަރުހަބާ ވިދާޅުވީ އުކުޅަހުގެ ކައުންސިލް މެންބަރުންނާއި، މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން ރަށުގެ ރައްޔިތުންނެވެ.

ރައީސަށް މަރުހަބާ ދެންނެވުމަށްޓަކައި ކުޑަކުދިންނާއި، އެކި އުމުރުފުރާތަކުގެ މީހުންނާއި ފަތުރުވެރިންވެސް ވަނީ އެއްވެފައެވެ.

ކޯވިޑްގެ ބަލިމަޑުކަމަށްފަހު ރައީސަށް މަރުހަބާ ދެންނެވުމަށް އެއް ރަށަކުން އެންމެ ގިނަ މީހުން ނިކުތް ރަށުގެ ގޮތުގައި އުކުޅަސް ފާހަގަކުރެވެއެވެ.

ރައީސް އުކުޅަހަށް ކުރައްވާ މިދަތުރުފުޅުގައި ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި، މުއައްސަސާތަކުގެ އިސްވެރިންނާއި މިރޭ ބައްދަލުކުރައްވާނެއެވެ. އަދި ސިއްޙީ މަރުކަޒުގެ ހާލަތުވެސް ބައްލަވާލައްވާނެއެވެ. އަދި އުކުޅަހު ރައްޔިތުންނާއި ބައްދަލުކުރެއްވުން އުކުޅަހު ކޮންވެންޝަން ސެންޓަރުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.