ކުޅިވަރު

ޕީޑީއާރްއެމްގެ މައްޗަށް ޤައުމީ ޓީމް ކުރި ހޯދައިފި


ސާފް ސުޒުކީ ކަޕަށް ތައްޔާރުވަމުން އަންނަ ދިވެހި ގައުމީ ޓީމް މެލޭޝިޔާގައި ކުޅުނު ތިންވަނަ މެޗް ކާމިޔާބުކޮށްފިއެވެ. މެލޭޝީޔާގެ ސުޕަ ލީގްގައި ކުޅޭ ޕީޑީއާރްއެމްއާއި ދެކޮޅަށް ނިކުމެ ދިވެހި ޓީމް މިއަދު ހަވީރު ކުޅުނު މެޗް ކާމިޔާބުކުރީ ތިނެއް ދޭއްގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަގާ ކުރިހޯދީ ޕީޑީއާރްއެމުންނެވެ. ޕީޑީއާރްއެމުން ލަނޑު ޖެހިތާ މާ ގިނައިރެއް ނުވަނީސް ލިބުނު ޕެނަލްޓީއަކުން ދިވެހި ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ އަސަދުﷲ އަބްދުﷲއެވެ. މެޗުގެ ފުރަތަމަ ހާފް މި ނަތީޖާގައި އޮވެ ނިމުނުއިރު، ދެވަނަ ހާފްގެ ކުރީކޮޅު ޕީޑީއާރްއެމުން ދެވަނަ ފަހަރަށް މެޗުގެ ލީޑް ނެގިއެވެ. ދިވެހި ޓީމަށް ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްދިނީ ބަދަލްކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އަހުމަދު އިމާޒެވެ. އަދި ދިވެހި ޓީމް މެޗުން މޮޅުވި ލަނޑު ޖަހައިދިނީ ޒުވާން ފޯވާޑް އަންސަރު އިބްރާހިމެވެ. މެޗަށް ފަހު ދިވެހި ގައުމީ ޓީމްގެ ކޯޗް ރިކީ ހާރބާޓް ބުނީ ޓީމުގެ ކުޅުމާއިމެދު އޭނާގެ އެއްވެސް ޝަކުވާއެއް ނެތްކަމަށާއި، މެލޭޝިޔާ ސުޕަ ލީގްގެ ޓީމަކާއި ދެކޮޅަށް ނިކުމެ ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަ ޖެހޭކަމަށެވެ. ކޯޗް ބުނީ މެޗުގައި ދިވެހި ޓީމުން ގިނަ ހަމަލާތަކެއް އުފެއްދިކަމަށާއި، ޓީމެއްގެ ގޮތުގައި ޓީމް އަންނަނީ އޭނާ ހިތްހަމަ ޖެހޭވަރަށް ތައްޔާރުވަމުންކަމަށެވެ. އަދި ސާފް ސުޒުކީ ކަޕަށް މި ތަމްރީން ކޭމްޕްގެ ބޭނުން ހުރިހާ ކުޅުންތެރިންވެސް ވަރަށް ރަނގަޅަށް ހިފަމުންދާކަމަށް ކޯޗް ބުންޏެވެ."އަބަދުވެސް އަހަރެން ބުނަނީ ނަތީޖާއެއް ނޫނޭ މުހިންމީ ރަނގަޅަށް ކުޅުމޭ މި ތަމްރީން ކޭމްޕްގައި މުހިންމީ، މިއަދު ރަނގަޅަށް ކުޅެފަ ނަތީޖާވެސް ނެރެފި، ވަރަށް ހިތްހަމަ ޖެހިގެން މިހިރީ" ކޯޗް ބުންޏެވެ.ސާފް ސުޒުކީ ކަޕަށް ތައްޔާރުވަމުން އަންނަ ދިވެހި ގައުމީ ޓީމް މެލޭޝިޔާގައި ކުރިއަށް މިގެންދާ ތަމްރީންތަކުގައި ދިވެހި ޓީމް ކުޅުނު މީ ތިންވަނަ މެޗެވެ. ފުރަތަމަ މެޗުގައި ޔޫއައިޓީއެމް އެފްސީ އަތުން ފަހެއް ދޭކުން ބަލިވިއިރު، ދެވަނަ މެޗުގައި ދޭއް ސުމަކުން ދިވެހި ޓީމްވަނީ އެއާ އޭޝިއާ އެފްސީގެ މައްޗަށް ކުރި ހޯދާފައެވެ. ތަމްރީން ދަތުރުގެ ފަހު މެޗް އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.