ކުޅިވަރު

އިޓަލީގެ މޮރިއޭރޯ ޤައުމީ ޓީމުގެ ކޯޗަކަށް ހަމަޖައްސައިފި


ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް އިޓަލީ ގައުމީ ޓީމާއި އިންޓަ މިލާނަށް ކުރިން ކުޅުނު ފްރެންޗެސްކޯ މޮރިއޭރޯ ހަމަޖައްސައިފިއެވެ. އިޓަލީއަށް އުފަން އުމުރުން 52 އަހަރު މޮރިއޭރޯ ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑްކޯޗަކަށް ރަސްމީކޮށް ހަމަޖައްސާ ރޭ އެފްއޭއެމުން ވަނީ އެކަން އިޢުލާކޮށްފައެވެ. އަންނަ ހޮނިހިރު ގައުމީ ޓީމް ކުޅުދުއްފުށީގައި ކުޅޭ މެޗަށް މޮރިއޭރޯ ދަތުރުކުރުމަށް ހަމަޖެހިފައިވީނަމަވެސް، ގައުމީ ޓީމަށް މޮރިއޭރޯ އެމެޗުގައި އިރުޝާދު ނުދޭނެކަމަށް އެފްއޭއެމްއިން ބުނެއެވެ.

ކޯޗެއްގެ ގޮތުގައި މޮރިއޭރޯ އެންމެ ފަހުން މަސައްކަތް ކުރީ އަލްބޭނިއާގެ ޑައިނަމޯ ޓްރިނާގައެވެ. ގައުމުން ބޭރުގައި އޭނާގެ ފުރަތަމަ ތަޖުރިބާ އަކީ އައިވަރީ ކޯސްޓުގެ ކްލަބް، އެފްރިކާ ސްޕޯޓްސްގައި ކުރި މަސައްކަތެވެ. އޭނާ ވަނީ އިޓަލީގެ ދެ ވަނަ ޑިވިޝަން އަދި ތިން ވަނަ ޑިވިޝަން ކަމަށްވާ، ސެރީއާ ބީ އަދި ސެރީއާ ސީގެ ކްލަބުތަކުގައި މަސައްކަތް ކޮށްފައެވެ. އަދި ސްވިޒަލެންޑުގެ ކްލަބު ލުގާނޯއަށް ވެސް ކޯޗު ކޮށްދީފައެވެ.

އިޓަލީގެ ކުޅިވަރު ނޫސްތަކުން ބުނާ ގޮތުގައި ރޯމާ އާއި ނަޕޯލީއަށް ވެސް ކުޅުނު އިޓަލީގެ ކުރީގެ ކުޅުންތެރިޔާ ވަނީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ސޮއިކުރަން އެފްއޭއެމާއެކު އެއްބަސްވެފައެވެ. މޮރިއޭރޯއާއެކު އިތުރު އެހީތެރިއަކު ވެސް ރާއްޖޭގެ ގައުމީ ޓީމަށް ސޮއި ކުރާނެކަން ވަނީ އެނގިފައެވެ.

ރާއްޖޭގެ ގައުމީ ޓީމަށް ކޯޗުކޮށްދިނުން ވާނީ އޭޝިއާގައި މޮރިއޭރޯ ކުރާ ފުރަތަމަ ތަޖުރިބާއަށެވެ. އަދި އޭނާ މަސައްކަތް ކުރާނެ ފުރަތަމަ ގައުމީ ޓީމަކަށް ވެސް ރާއްޖެ ވާނެއެވެ. މޮރިއޭރޯ އަކީ ދިވެހި ގައުމީ ޓީމާ މި އަހަރު ހަވާލުވާ ތިންވަނަ ކޯޗެވެ. ޤައުމީ ޓީމުގެ ކުރީގެ ކޯޗު މާޓިން ކޫޕްމަން އޯގަސްޓް މަހު މަގާމުން ވަކިކޮށް، ނިމިދިޔަ ސާފް ޗެމްޕިއަންޝިޕްގެ ނިޔަލަށް ގައުމީ ޓީމު ހަވާލު ކުރީ ތަޖުރިބާކާރު ދިވެހި ކޯޗު ޢަލީ ސުޒޭނާއެވެ.

މޮރިއޭރޯއާއެކު ދިވެހި ޓީމު އެންމެ އަވަހަށް ކުރިމަތިލާނެ މުބާރާތަކަށް ވާނީ އަންނަ މަހު ސްލަންކާގައި ބާއްވާ، މަހިންދަ ރާޖަޕަކްސަ އިންޓަނޭޝަނަލް މުބާރާތެވެ. ގައުމީ ޓީމްގެ ފަރިތަކުރުންތައް މިއަންނަ ހޯމަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، މޮރިއޭރޯ ގައުމީ ޓީމާއި ހަވާލްވާނީ ހޯމަ ދުވަހުން ފެށިގެންކަމަށް ބެލެވެއެވެ.