މިމަހުގެ މިހާތަނަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީންގެ އެންމެފަހުގެ ތަފާސްހިސާބުތަށް ދައްކާގޮތުން މިމަހުގެ 24ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 102434 ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ. މި ޢަދަދަކީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާ ބަލާއިރު %599 އިތުރު ޢަދަދެކެވެ. އަދި ކޯވިޑްގެ ކުރިން 2019ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 104567 ފަތުރުވެރިންނާ އަޅާ ބަލާއިރު %2 ދަށް އަދަދެކެވެ.
މި ޢަދަދުތަކާއެކު އަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ 973،269 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
އަދި މިއަހަރަށް ރާއްޖެއިން ހިފާފައިވާ އަމާޒު ކަމުގައިވާ އެއް މިލިއަން ފަތުރުވެރިންގެ އަމާޒް ޙާސިލްކުރުމަށްދެން ބޭނުންވަނީ 26704 ފަތުރުވެރިންނެވެ.
ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 4454 ފަތުރުވެރިން އާދެއެވެ. އެހެންކަމުން ކުރިއަށް އޮތް 6 ދުވަސްތެރޭ ރާއްޖެއިން ހިފާފައިވާ އެއްމިލިއަން ފަތުރުވެރިންގެ އަމާޒް ހާސިލްކުރެވޭނެކަަމަށް ލަފާކުރެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ މިހާތަނަށް އެއްދުވަހެއްގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މިމަހުގެ 16ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެއަށް 6197 ފަތުރުވެރިން ވަނީ އައިސްފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެންމެގިނައިން ފަތުރުވެރިން އަންނަނީ އިންޑިއާއިންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ %22.9އަކީ އިންޑިއާ ފަތުރުވެރިންނެވެ. 2ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެއީ ރާއްޖެއައިސްފައިވާ ޖުމްލަ ފަތުރުވެރިންގެ %18.8އެވެ.