މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރއާއި އަޅާ ބަލާއިރު މިއަހަރު ތިންވަނަ ކުއާޓާގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 29 މިލިއަން ރުފިޔާ އިތުރަށް ލިބިފައިވާ ކަމަށް އެކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެސްޓީއޯއިން އާންމުކޮށްފައިވާ އެކުންފުނީގެ ތިންވަނަ ކުއާޓާގެ މާލީ ތަފާސް ހިސާބުތައް ދައްކާގޮތުން، އެސްޓީއޯއަށް ތިންވަނަ ކުއާޓާގައި ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 2.5 ބިލިއަން ރުފިޔާއެވެ. އަދި ތިންވަނަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި 129 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓާއާ އަޅާބަލާއިރު 29 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓާގައި އެސްޓީއޯއަށް ލިބިފައިވަނީ 1.5 ބިލިއަން ރުފިޔާއެވެ. ސާފު ފައިދާގެ ގޮތުގައި ޖެހިފައިވަނީ 100 މިލިއަން ރުފިޔާއެވެ.
މިއަހަރުގެ ދެވަނަ ކުއާޓާގައި އެކުންފުންޏަށް 2.2 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވާއިރު، 110 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފައިވެއެވެ. އެސްޓީއޯއިން ހާމަކުރާ ގޮތުގައި ދެވަނަ ކުއާޓާއާއި އަޅާބަލާއިރު ތިންވަނަ ކުއާޓާގައި އާމްދަނީ އިތުރުވެފައިވަނީ އެކުންފުނިން ވިއްކި ތެލުގެ އަދަދު އިތުރުވުމުންނެވެ. މީގެ އިތުރުން ކުންފުނީގެ އެހެނިހެން ވިޔަފާރިވެސް މިކުއާޓާގައި ކުރިއަށް ޖެހިލާފައިވާކަން އެސްޓީއޯއިން ފާހަގަ ކުރެއެވެ.
އެސްޓީއޯގެ މާލީ ހިސާބުތަކަށް ބަލާއިރު ކުންފުންޏަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ތެލުގެ ވިޔަފާރިންނެވެ. އެގޮތުން 1.7 ބިލިއަން ރުފިޔާ ތެލުގެ ވިޔަފާރިން މިކުއާޓާގައި ލިބިފައިވެއެވެ. އެކުންފުނީގެ އެހެނިހެން ވިޔަފާރިތަކުން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 771 މިލިއަން ރުފިޔާއެވެ. މިދިޔަ ކުއާޓާގައި ތެލުގެ ވިޔަފާރިން ކުންފުންޏަށް ލިބިފައިވަނީ 1.4 ބިލިއަން ރުފިޔާއެވެ. މިއާއެކު މިދިޔަ ކުއާޓާއާއި އަޅާބަލާއިރު ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ މިވަނީ %18.8 އިތުރުވެގެން ގޮސްފައެވެ.
މީގެ އިތުރުން ކުންފުނީގެ މާލީ ތަފާސް ހިސާބުތައް ދައްކާގޮތުން ތިންވަނަ ކުއާޓާގައި ޖުމްލަ ޚަރަދު 251 މިލިއަނަށް އަރައެވެ. މިއަހަރުގެ ދެވަނަ ކުއާޓާގައި ޚަރަދުވީ 245 މިލިއަން ރުފިޔާ ކަމަށް އެސްޓީއޯއިން ހާމަކުރެއެވެ.