ސޫރިޔާގައި ރަޝިޔާއިން ހިންގާ އޮޕަރޭޝަންގައި އިތުރު
އަސްކަރީ ބާރު ބޭނުން ކުރުމުގެ ޤާބިލްކަން ރަޝިޔާއަށް ލިބިގެންވާ ކަމަށް
އެޤައުމުގެ ރައީސް ވްލަޑްމީރު ޕޫޓިން ވިދާޅުވެއްޖެއެވެ.
 
ވެރިރަށް މޮސްކޯގައި ކުރިއަށް ދިޔަ އަސްކަރިއްޔާގެ
ހާއްސަ ހަފްލާއެއްގައި ވާހަކަ ދައްކަވަމުން ޕޫޓިން ވިދާޅުވީ، ސޫރިޔާގައި
ހިންގަމުންދާ އޮޕަރޭޝަންގައި ރަޝިޔާގެ އަސްކަރިއްޔާގެ ހުރިހާ ދާއިރާތަކަކުން
ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށާ މިކަމަށް ބޭނުންވެއްޖެ ހާލަތެއްގައި އިތުރު
އަސްކަރީ ބާރުތައް ބޭނުން ކުރުމަށް ރަޝިޔާއިން ތައްޔާރަށް އޮތް ކަމަށެވެ.
 
ސޫރިޔާގައި ހަރަކާތްތެރިވާ އައި.އެސް ޖަމާޢަތުގެ
އަމާޒުތަކަށް ރަޝިޔާއިން ދަނީ އަސްކަރީ ވައިގެ ހަމަލާތައް ދެމުންނެވެ.
 
މި ހަމަލާތައް ރަޝިޔާއިން ދޭން ފެށީ މިއަހަރުގެ
ސެޕްޓެމްބަރު މަހުގެ ތެރޭގައެެވެ.
 
މިއީ މެދު އިރުމަތީގައި ރަޝިޔާއިން ހިންގާ މިފަދަ
އެންމެ ބޮޑު އޮޕަރޭޝަނެވެ.