ވިޔަފާރި

އީ-ޗެކިން އަދި ބޭގް ޑްރޮޕް ޙިދުމަތް އަންނަ އަހަރު ވިއައިއޭއަށް ތަޢާރަފްކުރަނީ


މިއަންނަ އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އީޗެކިންއާއި ސެލްފް ބެގޭޖް ޑްރޮޕް ފަދަ ޙިދުމަތް ތަޢާރަފުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ގޯޑަން އެންޑްރޫ ސްޓުއާޓް ވިދާޅުވެއްޖެއެވެ.

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ގޯޑަން އެންޑްރޫ ސްޓުއާޓް ވިދާޅުވީ، އެއާޕޯޓުގެ ޤާބިލީއްޔަތުކަން އިތުރު ކުރުމަށް ގިނަ މަސައްކަތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން މިހާރު އެއާޕޯޓަށް ދަތިވާ ކަންކަމަކީ ކޮބައިކަން ދެނެގަނެ، އިތުރު އިކުޕްމެންޓްތައް ގަތުމަށް ހަމަޖެހިފައިވާކަން އެނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން ގިނަ އަދަދެއްގެ ފަތުރުވެރިން ފިނިމޫސުމާއި ދިމާކޮށް އަންނައިރު، އެކަމަށް ބޭނުންވާ މުވައްޒަފުން ހޯދައި، އެއާޕޯޓު ތައްޔާރުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ދުނިޔޭގެ ގިނަ ޤައުމުތަކުގެ އެއާޕޯޓުގައި ހުންނަ ޒަމާނީ ފެންވަރުގެ ވަސީލަތްތައް ވެލާނާ އެއާޕޯޓުގައިވެސް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅަގަނޑުމެން އެއާޕޯޓަށް މިހާރުވެސް އިތުރު ޕްލޭންތަކެއް އެބަހުރި. އަންނަ އަހަރު ނޫނީ އަންނަ އަހަރު މެދުތެރޭ، އަޅުގަނޑުމެން މިބަލަނީ އެލެކްޓްރޯނިކް ޗެކިން އާއި ސެލްފް ބޭގް ޑްރޮޕް ތަޢާރަފު ކުރުމަށް. މި ޙިދުމަތްތަށް އަދި ރާއްޖެއަކު ނެތް. އެކަމަމު ދުނިޔޭގެ އެކި ހިސާބުތަކުގެ އެއާޕޯޓުތަކުގެ މި ޙިދުމަތްތަށް ލިބޭ. އެހެން ކަމުން އަޅުގަނޑުމެން ކުރިއަށް އޮތް ތަނުގައި މިއަށް އިންވެސްޓު ކުރާނަނަން" އެންޑްރޫ ވިދާޅުވިއެވެ.

އެމްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރ ފާހަގަކުރެއްވި ގޮތުގައި، އައު އެއާޕޯޓު ހުޅުވެންދެންވެސް މިހާރު ހުރި ވަސީލަތްތައް ރަންގަޅު ކުރަންޖެހޭ ކަމަށާއި، އެހެންކަމުން އިތުރު ވަސީލަތްތައް އިތުރުކޮށް، ޙިދުމަތުގެ ފެންވަރު ރަނގަޅުކޮށް އިތުރަށް ޙިދުމަތް ފުޅާކުރުމަކީ މިހާރު އަމާޒު ހިފާފައިވާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއަށް އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިން މިއަހަރުގެ މިހާތަނަށް އައިސްފައިވާއިރު، މިދިޔަ އޮކްޓޯބަރުމަހު ދުވާލެއްގެ މައްޗަށް 4600 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މިއާއެކު ވެލާނާ އެއާޕޯޓުގެ ވަސީލަތްތައް އިތުރުކޮށް އެއާޕޯޓުގެ ކެޕޭސިޓީ މަތިކުރުމަށް ދަނީ މަސައްކަތްތައް ކުރަމުންނެވެ.