ވިޔަފާރި

އައިޓީބީ އޭޝިއާގައި ރާއްޖެއިން ބައިވެރިވެއްޖެ


އައިޓީބީ އޭޝިއާ، މައިސް ޓްރެވެލް އޭޝިއާ އަދި ޓްރެވެލް ޓެކް އޭޝިއާ 2021ގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި ހަރަކާތުގައި ރާއްޖެ ތަމްސީލްކުރުމުގައި އެމްއެމްޕީއާރްސީއާއެކު، އިންޑަސްޓްރީގެ 15 ފަރާތަކުން ބައިވެރިވިއެވެ. މި ހަރަކާތުގައި ބައިވެރިވުމުގެ މަޤްސަދަކީ ދެކުނުއިރުމަތީ އޭޝިއާގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކޮށް, މި މާކެޓްގެ އެކި ޤައުމުތަކުން ރާއްޖެއަށް އައުމަށް ފަތުރުވެރިން ބުކިން ހަދާ މިންވަރާއި, ރާއްޖެ އަންނަ އަދަދު އިތުރުކުރުމެވެ. އަދި ރާއްޖެއަކީ މި މާކެޓުގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމުގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓުތަށް ޕްރޮމޯޓުކޮށް، ލިބޭ ޙިދުމަތްތައް އިސްތިހާރުކުރުންކަމަށް އެމްއެމްޕީއާރްސީން ވިދާޅުވެއެވެ.

އެކުއެކީގައިހެން ކުރިއަށްގެންދިޔަ މި ފެއާރތަކުގައި ރާއްޖެއިން ބައިވެރިވެފައިވަނީ ވާޗުއަލްކޮށްކަމަށް އެމްއެމްޕީއާރްސީން ވިދާޅުވެއެވެ. މިދިޔަމަހުގެ 25 އިން 29 އަށް ކުރިއަށްގެންދިޔަ މި ހަރަކާތުގައި ދައިރާގައި ހަރަކާތްތެރިވާ ޙިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި އީޖާދީ އުފެއްދުންތައް ފޯރުކޮށްދޭ ފަރާތްތަކުން ބައިވެރިވެފައިވެއެވެ. މީގެއިތުރުން މިހަރަކާތުގެ ތެރެއިން ޙިދުމަތްދޭ ފަރާތްތަކާއި ޙިދުމަތް ލިބިގަންނަ ފަރާތްތަކާއި ދެމެދު މުހިއްމު މަޝްވަރާތަކެއް ކުރެވިފައިވާކަމަށް އެމްއެމްޕީއާރްސީން ވިދާޅުވެއެވެ.

އައިޓީބީ އޭޝިއާއަކީ މިސަރަހައްދުގައި މިގޮތަށް ބާއްވާ އެންމެ ބޮޑު ފެއާއެވެ. މި ފެއާގައި 132 ޤައުމަކުން 3200 އެގްޒިބިޓަރުން ބައިވެރިވެއެވެ. މީގެއިތުރުން މި ފެއާގައި 13،000 މީހުން ވާޗުއަލްކޮށް ބައިވެރިވެއެވެ. މީގެ ތެރޭގައި މައިސް ސެގްމެންޓާއި ލެއިޝާ ސެގްމެންޓުގެ ޙިދުމަތް ހޯދަށް ބޭނުންވާ 1250 މީހުން ހިމެނެއެވެ.

މިއަހަރު މިހާތަނަށް މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވާއިރު، ދެކުނު އޭޝިއާގެ މުހިންމު މާކެޓުތަކުގައި ބޯޑަރުތައް އަދިވެސް ބަންދުވެފައިވާކަމަށް އެމްއެމްޕީއާރްސީން ފާހަގަކުރެއެވެ. އެހެންކަމުން މާކެޓުގައި މަޤުބޫލުކަން ދެމެހެއްޓުމަށް ގިނަ ހަރަކާތްތަކުގައި އެމްއެމްޕީއާރުސީން ދަނީ ބައިވެރިވަމުންނެވެ.

މީގެ އިތުރުން މިމާކެޓަށް އަމާޒުކޮށްގެން އީ-ލާނިންގެ ޕްރޮގްރާމާއި، ހަލާލް-އިން އޭޝިއާ ވާޗުއަލް އިވެންޓުގެ އިތުރުން، މައި ބަމްޕް ކެބް އެޑްވައިޒިން ކެމްޕޭންގެ އިތުރުން މެލޭޝިއާ އިންޓަނޭޝަނަލް ޑައިވިންގ އެގްޒިބިޝަންގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.