ޚަބަރު

ޒަމާންވީ ގިނަ މައްސަލަތަކަކަށް ބަޖެޓުން ހައްލު ލިބިގެންދާނެ: އަމީރު


އަންނަ އަހަރަށް ހުށަހަޅާފައިވާ ދަޢުލަތުގެ ބަޖެޓަކީ ރާއްޖޭގައި ޒާމާނުއްސުރެ މިހާތަނަށް އުފެދިފައި ހުރި ގިނަ މައްސަލަތަކަށް ހައްލެއް ހޯދުމަށް ހުށަހަޅާ ބަޖެޓެއްކަަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ، އަންނަ އަހަރަށް ހުށަހަޅާފައިވާ ދަޢުލަތުގެ ބަޖެޓުން ޕީއެސްއައިޕީ މަޝްރޫޢުތަކަށް ބަލާލި ކަމުގައިވިއަސް މިއީ، އުއްމީދީ ބަޖެޓެއް ކަމަށެވެ. އެގޮތުން ބަޖެޓުގެ ތެރެއިން ޢުމްރާނީ ތަރައްޤީއާއި، ވަސީލަތްތައް އިތުރު ކުރުމާއި އިންސާނީ ވަސީލަތް ބިނާކުރުމަށް މަސައްކަތް ކުރެވިގެން ދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މި ބަޖެޓު ޒަމާންވި ގިނަ މައްސަލަތަކަށް 100% ހައްލެއް ހޯދޭނެ ބަޖެޓެއް ކަމުގައި ނުވިނަމަވެސް ގިނަ މައްސަލަތަކަށް ހައްލެއް ހޯދުމަށް ހުށަހަޅާ ބަޖެޓަކަށް މި ބަޖެޓު ވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ، ގޮތުގައި 2019 އިން ފެށިގެން މިހާތަނަށް އަތޮޅުތަކަށް ވަރަށް ބޮޑަށް ފޯކަސް ކުރެވިގެން މައްސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ ގިނަ ރަށްތަކުގައި ޕީއެސްއަޕީ މަޝްރޫޢުތައް ހިނގަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ތަޢުލީމީ އަދި ސިއްޙީ ދައިރާގެ ޙަރަދުތައްވެސް އަންނަ އަހަރަށް އިތުރު ކުރެވިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫޢުތަކަށް ސަރުކާރުން އިސްކަމެއް ދީފައިވެއެވެ. ޕީއެސްއައިޕީ މަޝްރޫޢުތަކަށް ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދުތަކާއި ގުޅޭގޮތުން ސުވާލުތައް އަންނަކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ސަރުކާރުން ބަޖެޓު ހުށަހަޅާ އިރު އަބަދުވެސް މަސައްކަތް ކުރަނީ ބަޖެޓް ޑެފިސިޓް އަދި ދަރަނި ވަކި މިންވަރެއްގައި ހިފެހެއްޓުމަށް ކަމަށެވެ. އެގޮތުން ކޯވިޑާއި ގުޅިގެން ދައުލަތުގެ އާމްދަނީ ދަށަށް ދިއުމާއެކު ދަރަންޏަށް ފައިސާ ނަގައިގެން ގިނަ ކަންކަން ކޮށްފައިވާކަން މިނިސްޓަރ އަމީރު ފާހަގަކުރެއްވިއެވެ.

ނަމަވެސް މިގޮތަށް ޙަރަދުކުރުމުން ދަރަނި ބޮޑުވެ ބޭރުގެ އެހީތެރިކަން ލިބުމުގެ ދަތިތަކާއި ކުރިމަތިލާން ޖެހެނޭކަން މިނިސްޓަރ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ. މިއާއެކުވެސް މިހާރު ޕީއެސްއައިޕީގެ ދަށުން ހިންގާ މަޝްރޫޢުތަށް ބަޖެޓު ވެފައިވާ ގޮތަށް ކުރިއަށް ދާނެ ކަމުގެ ޔަޤީން މިނިސްޓަރ ދެއްވިއެވެ.

"އަޅުގަނޑު ޔަޤީންކަން ދޭން ބޭނުންވާ ކަމަކީ އަޅުގަނޑުމެންގެ ބަޖެޓުގައި ހިމަނާފައިވާ ގޮތަށް، ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓު ޕްރޮޖެކްޓްސްތައް ކުރިއަށް ގެންދާނަމޭ. އެކަމަކު ބޭނުންވާ އަދަދު ބަޖެޓުގައި ނެތުން. އެއީ ރައްޔިތުން ފާހަގަ ކުރާނެ ކަމަކަށް ވެދާނެ. ނަމަވެސް އަޅުގަނޑު ދެކޭ ގޮތުގައި ކޮންމެ ބޭފުޅަކަށްވެސް ނޫނީ ރައްޔިތަކަށް ބޭނުންވާނީ އެ ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮޖެކްޓް ކުރިއަށް ގެންގޮސް އެކަން ނިންމުން" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވި، ގޮތުގައި ކޯވިޑާއި ގުޅިގެން ދަޢުލަތުގެ އާމްދަނީން 36 ބިލިއަން ރުފިޔާ މިހާތަނަށް ނުލިބި ގޮސްފައިވާ ކަމަށެވެ. އަދި މިއީ ގާތްގަނޑަކަށް އެއް އަހަރުގެ ބަޖެޓުކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިހާބޮޑު ގެއްލުމެއް ކުރިމަތިވިއިރު އިޤްތިޞާދުގެ ސިއްޙަތު ރަނގަޅުކޮށް އަރައިގަތުމަށް ގިނަ މަސައްކަތް ތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން 2022 ވަނަ އަހަރުގެ ބަޖެޓަކީ އިޤްތިޞާދު ކުރިއެރުވުމަށް އެހީވެދޭނެ ބަޖެޓެއް ގޮތުގައި މިނިސްޓަރ ސިފަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި ބޭރުގެ ފަރާތްތަކުން ރާއްޖޭގެ ރޭޓިން ކޯވިޑުގެ ތެރޭގައި ދަތްކުރި އިރުވެސް އެފަރާތްތަކާއެކު ބައްދަލުވުންތައް ބާއްވައި ރާއްޖޭގެ އިޤްތިޞާދު ކުރިއަރަމުންދާނެކަން ފާހަގަކުރެއްވި ކަމަށެވެ. ނަމަވެސް ރޭޓިންތައް ދަށްކުރި ނަމަވެސް ސަރުކާރުން އޭރު އެޅި ފިޔަވަޅުތައް ކާމިޔާބުވެ ރޭޓިން މައްޗަށް މިހާރު ޖެހިފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

އަންނަ އަހަރަށް 37 ބިލިއަން ރުފިޔާގެ ބަޖެޓެއް މިހާރު މަޖިލީހަށް ހުށަހަޅާފައިވާއިރު މި ބަޖެޓުގެ ތެރޭގައި ސަރުކާރުގެ %90 ވަޢުދު ފުރިހަމަ ކުރުމަށް ބަޖެޓު ކުރެވިފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.