ރާއްޖެއިން ފުރާ ފަރާތްތަކަށް ވެކްސިން ފުރިހަމަ ކޮށްފައިވާނަމަ ކަރަންޓީނު ވުމާއި ނުލާ މިއަދުން ފެށިގެން ތައިލެންޑަށް އެތެރެވެވޭނެ ކަމަށް އެޤައުމުގައި ހުންނަ ދިވެހި އެމްބަސީން ހާމަކޮށްފިއެވެ.
މިކަމާއި ބެހޭ މަޢުލޫމާތު ހާމަކުރައްވަމުން ބެންގޮކޮކްގައި ހުންނަ ދިވެހި އެމްބަސީ ނެރުނު އިއުލާނުގައި ބުނެފައިވަނީ ތައިލެންޑު ސަރުކާރުން އާންމުކޮށްފައިވާ ގްރީން ލިސްޓުގައި ރާއްޖެ ހިމެނިފައިވާ ކަމަށެވެ. ނަމަވެސް ތައިލެންޑަށް ވަނުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ޝަރުތުތަކެއްވާކަން އެމްބަސީ ވަނީ ހާމަކޮށްފައެވެ.
އެގޮތުން ތައިލެންޑަށް އަންނަ ފަރާތްތަކުން 72 ގަޑިއިރު ނުވާ ޕީސީއާރް ޓެސްޓެއް އޮންނަން ޖެހެއެވެ. ތައިލޭންޑަށް މިވަގުތު ވައިގެ މަގުން ހަމައެކަނި އެތެރެވުމުގެ ހުއްދަ ދޭއިރު، އެހެން އެއަރޕޯޓެއްގައި ޓްރާންސިޓުވާ ފަރާތެއް ނަމަ އެއަރޕޯޓުން ބޭރަށް ނުގޮސް ޓްރާންސިޓު ވެވޭނީ އެންމެ ގިނަވެގެން 12 ގަޑިއިރަށެވެ.
ދިވެހި އެމބަސީން ނެރުނު އިއުލާންގައިވާ ގޮތުން ތައިލެންޑަށް ދަތުރުކުރާ ފަރާތްތަކުން ތައިލެންޑު ސަރުކާރުން ހަދާފައިވާ ޓެސްޓު އެންޑް ގޯ ސްކީމުގެ ދަށުން، ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑަށް ފެތޭ ހޮޓަލެއްގައި މަދުވެގެން އެއް ރޭ ރިޒަވޭޝަން ހެދިފައި އޮންނަންވާނެއެވެ. މިހޮޓަލަކީ އޮން އެރައިވަލް ޕީސީއާރް ޓެސްޓުގެ ނަތީޖާ ލިބެންދެން އެމީހަކު މަޑު ކުރަން ޖެހޭ ތަނެވެ. އަދި އެތަނުގައި ހުންނަން ފައިސާ ދެއްކި ކަމުގެ ރަސީދެއް އެމީހެއްގެ އަތުގައި އޮންނަންވެސް ޖެހެއެވެ. މީގެ އިތުރަށް ތައިލެންޑު ސަރުކާރުން ބަލައިގަންނަ މަދުވެގެން 50،000 އެމެރިކާ ޑޮލަރުގެ އިންޝުއަރެންސް ސްކީމެއްގެ ބައިވެރިވެފައި އޮންނަން ޖެހޭ ކަމަށާއި މި ސްކީމު ވަކި ތަނަކުން ނެގުން މަޖުބޫރެއް ނޫން ކަމަށްވެސް މިއިޢުލާންގައިވެއެވެ.
ތައިލެންޑަށް ވަނުމަށް 7 ދުވަސް ކުރިން ހުށަހަޅަން ޖެހެއެވެ. އެގޮތުން 12 އަހަރުން ދަށުގެ ކުދިން ބެލެނިވެރިއަކާއި އެކު ހުށަހަޅަން ޖެހޭއިރު 12 އަހަރުން މަތީގެ ކުދިން ހުށަހަޅަން ޖެހޭނީ ވަކިވަކީންނެވެ. އަދި އެއްވެސް ހޮޓަލަކަށް ނުވަތަ އިންޝުއަރެންސް ސްކީމަކަށް ފައިސާ ދައްކަންވަނީ އޮންލައިންކޮށް ލިބޭ "ތައިލެންޑް ޕާސް"ގެ ފުރަތަމަ އެޕްރޫވަލް ލިބުމުންނެވެ.
ތައިލެންޑަށް އެތެރެވެވޭނީ ދުނިޔޭގެ ސިއްޙަތާއި ބެހޭ ވުޒާރާއިން ޤަބޫލު ކުރާ ވެކްސިނެއްގެ ޑޯޒް ފުރިހަމަކޮށް 14 ދުވަސް ވެފައިވާ ފަރާތްތަކަށް ކަމަށް ބެންގްކޮކްގައި ހުންނަ ދިވެހި އެމްބަސީން ހާމަކުރެއެވެ.
ތައިލެންޑަށް ވަދެވޭ ޤައުމުތަށް އާންމު ކޮށްފައިވާއިރު މި ގްރީން ލިސްޓުގައި ދިވެހި ރާއްޖޭގެ އިތުރުން 62 ޤައުމެއް އިތުރަށް ހިމެނިފައިވެއެވެ. މިލިސްޓުގައި ހިމެނޭ ކޮންމެ ޤައުމަކުން ދަތުރު ކުރި ނަމަވެސް ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަކުރަންޖެއެވެ.