ހޮންޑާ އައުޓުބޯޑު އިންޖީނު ރާއްޖެއަށް ތަޢާރަފުކޮށް ހޮންޑާ މެރިން އިންޖީނު ޝޯ ރޫމެއް ހުޅުވައިފިއެވެ. މި ފިހާރަ ރަސްމީކޮށް ހުޅުއްވައި ދެއްވީ ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާއެވެ.
މިދާއިރާގައި ގިނަ ދުވަސްތަކެއްގެ ތަޖުރިބާ ލިބިފައިވާ ޑީބްލޫ މެރިންގެ ދަށުން ހިންގާ، މެރިން ވައިބްގެ މި ފިހާރަ ހުޅުވާފައިވަނީ އޯކިޑު މަގުގައި ހުންނަ މ. ނިމްސާ ވިއުގެ ތިރީ ބައިގައިއެވެ.
މިފިހާރައިން ހޮންޑާ މެރިން އިންޖީނު ވިއްކަން ފަށާފައިވާއިރު މިއީ ރާއްޖޭގެ މާކެޓުގައި ޑިމާންޑު އޮތް އިންޖީނެއް ކަމަށް އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ހަނީފް ވިދާޅުވެއެވެ. އަދި މިހާރު ގެނައި ފުރަތަމަ ސްޓޮކް ހުސްވެފައިވާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެކުންފުނިން ގެނައި ފުރަތަމަ ސްޓޮކް މިހާރު ހުސްވެފައިވީ ނަމަވެސް މިހާރު ޕްރީ އޯޑަރ ކުރުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށް އެފިހާރައިން ބުނެއެވެ.
އެކުންފުނިން މިފިހާރަ ހުޅުވާފައިވަނީ އިންޖީނު ސަރވިސް ސެންޓަރަކާއެކުއެވެ. އަދި މިތަނުގައި ހޮންޑާ ކުންފުނިން ތަމްރީނު ލިބިފައިވާ އިންޖިނިއަރުން މަސައްކަތް ކުރާނެ ކަމަށް މެރިން ވައިބް އިން ހާމަކުރެއެވެ. މެރިން ވައިބް އިން ބުނާ ގޮތުގައި ހޮންޑާ އިންޖީނަކީ އާންމުކޮށް އިންޖީނަށް ދިމާވާ މައްސަލަތައް މަދު އަދި ޚަރަދު ކުޑަ އިންޖީނެކެވެ. މީގެ އިތުރުން މި އިންޖީނު ރާއްޖެއަށް ތަޢާރަފު ކުރުމުގެ ކުރިން ޓެސްޓުތައް ވެސް ހެދި ކަމަށް މެރިން ވައިބް އިން ފާހަގަ ކުރެއެވެ.
ހޮންޑާ މެރިން އިންޖީނު ޝޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ދާއިރާގެ ތަޖުރިބާ ހުރި ގިނަ ފަރާތްތަކުން ބައިވެރިވެފައިވެއެވެ. އެ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި ހޮންޑާގެ މިއިންޖީނަކީ މިދާއިރާގެ އިތުބާރު ލިބިފައިވާ އިންޖީނެކެވެ.
ހޮންޑާ މެރިން އިން ރާއްޖެއަށް ތައާރަފް ކުރީ 15-250 ހޯސްޕަވަރުގެ އިންޖީނެވެ. މި އިންޖީނުތަކާއެކު ހަ މަހުގެ ވޮރެންޓީއެއް ދޭއިރު، ރާއްޖޭގައި އާންމުކޮށް ބޭނުން ކުރާ ހުރިހާ ކްރެޑިޓް ސްކީމެއްގެ ދަށުން މި އިންޖީނު ޕްރީއޯޑާރ ކުރެވޭނެ ކަމަށް މެރިން ވައިބް އިން ބުނެއެވެ. އަދި މި އިންޖީންތައް މަރާމާތު ކުރުމަށް ބޭނުންވާ ހުރިހާ ސްޕެއަރ ޕާޓްތައް ވެސް މިފިހާރައިން ލިބޭނެ ކަމަށް މެރިން ވައިބް އިން ބުނެއެވެ.