ދިވެހިރާއްޖޭގައި އެކައުންޓެންޓުންނަށް ބާއްވާ އެންމެ ބޮޑު މަހާސިންތާ، މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް މިމަހު ބޭއްވުމަށް ނިންމައިފިއެވެ.
މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމަކީ، އެކައުންޓިންގ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ޕްރޮމޯޓުކޮށް، އެ ދާއިރާ ކުރިއެރުވުމުގެ މަޤްސަދުގައި 2017ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މަހާސިންތާއެކެވެ. މިއަހަރުގެ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވާ ތީމަކީ "ރެޑިނަސް މައިންޑްސެޓް: ސްޓްރައިވިންގ ފޮރ އެކްސެލެންސް" އެވެ.
މި މަހުގެ 15 ން 17 އަށް ބާއްވާ މި ފޯރަމް މިއަހަރު އިންތިޒާމްކޮށް ކުރިއަށް ގެންދަނީ އިންސްޓްޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީ.އޭ މޯލްޑިވްސް)ގެ ފަރާތުންނެވެ. މި ފޯރަމްގައި މި ދާއިރާގައި މަސައްކަތް ކުރާ ބޭފުޅުންނާއި ތައުލީމު ހާސިލް ކުރަމުން އަންނަ ދަރިވަރުންނަށްވެސް ބައިވެރިވެވޭނެ ކަމަށް ސީ.އޭ މޯލްޑިވްސްއިން މައުލޫމާތުދެއެވެ.
ކުރީ އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރުގެ ފޯރަމްގައިވެސް ރާއްޖެއާއި ރާއްޖޭން ބޭރުގެ އެކައުންޓިންގ ދާއިރާގެ ފުންނާބުއުސް ބޭފުޅުން ހިމެނޭގޮތަށް ޓެކްނިކަލް ސެޝަންތަކާއި ޕެނަލް ޑިސްކަޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ސެޝަންތަކަކީ ސީއޭ މޯލްޑިވްސްގެ 'ވެރިފަޔަބަލް ސީ.ޕީ.ޑީ' ސެޝަންތަކެކެވެ. އެ އިންސްޓިޓިއުޓްގެ ވީހާވެސް ގިނަ މެމްބަރުން މި ސެޝަންތަކުގައި ބައިވެރިވުމަށް އެ އިންސްޓިޓިއުޓްގެ ފަރާތުން އެދެއެވެ. ފޯރަމްގައި ރަޖިސްޓަރވުމުގެ މުއްދަތު މިމަހުގެ 8ވަނަ ދުވަހުގެ ނިޔަލަށްވަނީ ހުޅުވާލެވިފައެވެ.
ފޯރަމްގައި ބައިވެރިވުމަށް https://accountantsforum.camaldives.org/ އިން ރަޖިސްޓަރ ކުރެވޭނެއެވެ.