މިދިޔަމަހު ރާއްޖެއަށް 142066 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި ޢަދަދަކީ މިދިޔަ ސެޕްޓެމްބަރުމަހު ރާއްޖެއަށް ޒިޔާރަތްކުރި 114896 ފަތުރުވެރިންނާއި އަޅާ ބަލާއިރު %23.6ގެ އިތުރު ޢަދަދެކެވެ.
ތަފާސްހިސާބުތަށް ދައްކާގޮތުން މިނިމުނު އޮކްޓޯބަރުމަހު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ޢަދަދަކީ ކޯވިޑުގެ ކުރިން 2019ވަނަ އަހަރުގެ އޮކްޓޯބަރުމަހު ރާއްޖެއަށް ފަތުރުވެރިން އައި ޢަދަދާ އަޅާ ބަލާއިރު، %0.1ގެ އިތުރު ޢަދަދެކެވެ. އަދި 2020ވަނަ އަހަރުގެ އޮކްޓޯބަރުމަހު ރާއްޖެއަށް ފަތުރުވެރިންއައި ޢަދަދާ އަޅާ ބަލާއިރު، %560 އިތުރު ޢަދަދެކެވެ.
މިޢަދަދުތަކާއެކު އަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ މިލިއަނަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ތަފާސްހިސާބުތަށް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 1،012،928 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ.
ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 4583 ފަތުރުވެރިން އާދެއެވެ. އެހެންކަމުން އަހަރުގެ ބާކީއޮތް ދުވަސްތަކުގައި ރާއްޖެއަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން އަންނާނެކަމަށް ލަފާކުރެވެއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެންމެގިނައިން ފަތުރުވެރިން އަންނަނީ އިންޑިއާއިންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ %22.7އަކީ އިންޑިއާ ފަތުރުވެރިންނެވެ. 2ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިންނެވެ. އެއީ ރާއްޖެއައިސްފައިވާ ޖުމްލަ ފަތުރުވެރިންގެ %18.6އެވެ.