ދުނިޔޭގެ ވިޔަފާރި

ފޭސްބުކްގެ ފޭޝަލް ރިކަގްނިޝަން ފީޗަރ އުވާލަނީ


ފޭސްބުކަށް އަޕްލޯޑު ކުރާ ފޮޓޯ އަދި ވީޑިއޯގައި ތިބީ ކޮންބައެއްކަން ދެނެގަތުމަށް ބޭނުން ކުރަމުންދިޔަ ފޭސްބުކްގެ ފޭޝަލް ރިކަގްނިޝަން ފީޗަރ އުވާލުމަށް އެކުންފުނިން ނިންމައިފިއެވެ.

އެކުންފުނިން މިގޮތަށް ނިންމާފައިވަނީ، މިފަހަކަށް އައިސް މިފަދަ ފީޗާއަކުން ލިބޭ ފައިދާއަށް ވުރެ އޭގެ ނަހަމަ ބޭނުން ހިފާ މިންވަރު އިތުރުވެފައިވާކަމަށް ބުނެއެވެ. މި ފީޗާ އެއްކޮށް އުވާލެވޭނީ މިއަހަރުގެ ޑިސެމްބަރު މަސް ނިމޭހާތަނުގައިކަމަށް ފޭސްބުކް އިން ވަނީ ބުނެފައެވެ. ދާދި ފަހުން ކުންފުނީގެ ނަން މެޓައަށް ބަދަލުކޮށްފައިވާ ފޭސްބުކް އެޕްލިކޭޝަންގެ މައި ކުންފުނީގެ އާޓިފިޝަލް އިންޓެލިޖެންސް ޑިޕާޓްމެންޓުގެ ނައިބު ރައިސާއި ހަވާލާދީ ރޮއިޓާސްގައި ބުނެފައިވަނީ، މިހާތަނަށް ރެގިއުލޭޓަރުން އެ ފަދަ ފީޗާއެއް ބޭނުން ކުރާނެ ސިދާ މިންގަނޑުތަކެއް ދީފައި ނުވާކަމަށެވެ. އަދި މިހާލަތުގައި ކުންފުނިން ޤަބޫލުކުރާ ގޮތުގައި ވަކި ހާލަތެއްގެ ނޫނީ ބޭނުން ނުކުރެވޭ ގޮތަށް މިފަދަ ފީޗާއެއް ހެދުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ބުންޏެވެ.

ފޭސްބުކްއާއި ހަވާލާދީ ރޮއިޓާސްގައި ބުނެފައިވާ ގޮތުން ފޭސްބުކް އެޕްލިކޭޝަންގެ ބޭނުންކުރާ މީހުންގެ 1/3 މީހުން މި ފީޗާ ބޭނުން ކުރުމަށް ހުއްދަ ދީފައިވާކަމަށެވެ. އަދި މި ބަދަލާއެކު ބިލިއަނަކަށް ވުރެ ގިނަ މީހުންގެ ފޭސް ޓެމްޕްލޭޓްތައް އެކުންފުނީގެ ސާވަރުތަކުން ފޮހެވިގެންދާނެ ކަމަށް ފޭސްބުކްއިން ބުނެއެވެ.

މިފީޗާ އުވިގެން ދިއުމާއިއެކު، ފެނުމުގެ ނުކުޅުދެންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ފޭސްބުކުގައި ޤާއިމު ކުރެވިފައިވާ އަލްޓް-ޓެކްސްޓް ފީޗާއަށް މާ ބޮޑު އަސަރެއް ނުކުރާނެ ކަމަށް މޭޓަ ކުންފުނިން ބުނެއެވެ.

ފޭސްބުކް އެޕްލިކޭޝަނުން މި ފީޗާ އުވާލި ނަމަވެސް، އެކުންފުނީގެ އެހެން ޕްލެޓްފޯމްތަކުގައި މި ފީޗާ ދެމި އޮންނާނެއެވެ. އޭގެ މައިގަނޑު ސަބަބަކީ މި ފީޗާއިން އައިޑެންޓިޓީ ވެރިފައި ކޮށްދޭތީއެވެ.

ފޭސްބުކްގެ މި ފީޗާއަކީ މީގެ ކުރިންވެސް ރެގިއުލޭޓަރުން މައްސަލައެއްގެ ގޮތުގައި ފާހަގަ ކޮށްފައިވާ ފީޗާއެކެވެ. އެގޮތުން 2019 ވަނަ އަހަރު އެމެރިކާގެ ފެޑެރަލް ޓްރޭޑް ކޮމިޝަނުން ފޭސްބުކުގެ އެކި މައްސަލަތަކުގައި 5 ބިލިއަން ޑޮލަރުން ކުންފުނި ޖޫރިމަނާ ކުރިއިރު، މި މައްސަލަވެސް އެއް މައްސަލައިގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ. މީގެއިތުރުން މީހުންގެ ބައޯމެޓްރިކް މަޢުލޫމާތު އެކަށީގެންވާ ހުއްދަ ނުހޯދާ އެކުންފުނިން ރައްކާކުރާ ކަމަށް ބުނެ އެމެރިކާގެ އިލިނޯއިސްގެ ކޯޓަކުން ނިންމި ހުކުމަކަށްވެސް 650 މިލިއަން ޑޮލަރު އެކުންފުނިން ދައްކަން ޖެހުނެވެ.