ކުޅިވަރު

ރާއްޖޭގެ ކުޅުން ތަފާތުވާނެ - މޮރިއޭރޯ


ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުން މިހާރު ތަފާތުވާނެކަމަށް ގައުމީ ޓީމާއެކު ފުރަތަމަ މުބާރާތާއި ކުރިމަތިލާ އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ބުނެފިއެވެ. ނިމިގެންދިޔަ ސާފް ޗެންޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދު ދީފައިވަނީ ތަޖްރިބާކާރު ކޯޗް ޢަލީ ސުޒޭންއެވެ. މުބާރާތް ނިމުނާއެކު އެފްއޭއެމުންވަނީ ކޯޗް މޮރިއޭރޯއަށް ގައުމީ ޓީމުގެ ކޯޗުގެ މަގާމް ހަމަޖައްސާފައެވެ.

ސްރީލަންކާގެ ފޯ ނޭޝަންސް ކަޕްގައި ބައިވެރިވުމަށް ގައުމީ ޓީމު ލަންކާއަށް ފުރުމުގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ގައުމީ ޓީމުގެ ކޯޗް ފްރެންޗެސްކޯ މޮރިއޭރޯ ބުނީ މިލިބުނު ކުޑަދުވަސްކޮޅުގެ ތެރޭގައި ޓީމް ވަރަށް ބޮޑަށް ތައްޔާރުކުރެވިފައިވާކަމަށާއި މުބާރާތަށް ޓީމު ދަނީ މުބާރާތް ކާމިޔާބުކުރަންކަމަށެވެ. މިމުބާރާތް ކުރިއަށްދާނީ މިމަހުގެ 8 ކުން 17އަށެވެ.

އިޓަލީ ޤައުމީ ޓީމާއި އިންޓަ މިލާނަށް ކުރިން ކުޅުނު މޮރިއޭރޯ ބުނީ ގައުމީ ޓީމުން މިމުބާރާތަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާކަމަށާއި އެންމެ މުހިންމުކަމެއް ދީގެން ޓީމު ބިނާކުރުމުގެ އިތުރުން ޓެކްނިކަލް ކަންކަމާއި ފިޒިކަލް ކަންކަމަށް މި މަސައްކަތް ކުރަމުން ގޮސްފައިވާކަމަށެވެ. ޓީމުގެ ކުޅުންތެރިންވެސް 100 ޕަސެޓް ދެމުންދާކަމަށްވެސް މޮރިއޭރޯ ބުންޏެވެ.

ލަންކާގެ ފޯ ނޭޝަންސް ކަޕްގައި ރާއްޖެއިން ވާދަކުރަނީ ވަރުގަދަ ޓީމުތަކާއި ދެކޮޅަށްކަމަށާއި އިދިކޮޅު ޓީމުތަކަށް ވުރެއް މޮޅަށް ކުޅެންޖެހޭކަމަށެވެ. އަދި އޮފެންސިވާއި ޑިފެންސްވެސް ބެލެންސްކޮށްގެން ކުޅެންޖޭކަމަށްވެސް މޮރިއޭރޯ ބުންޏެވެ.

މިމުބާރާތުގައި ރާއްޖެއިން ކުޅޭ ފުރަތަމަ މެޗްގައި ނިކުންނާނީ މުބާރާތް ބައްވާ ގައުމު ލައްކާއާއި ދެކޮޅަށެވެ. ދެވަނަ މެޗުގައި ބަންގަލަދޭޝް، ތިންވަނަ މިމެޗްގައި ސީޝެލްސްއާއި ދެކޮޅަށެވެ. މިމުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17ވަނަ ދުވަހުއެވެ.