ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތު ވަގުތު 8 ގަޑިއިރަށް ބަދަލުކުރުމަށް މަޝްވާރާ ކުރައްވާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
މިނިމަމް ވޭޖް ކަނޑައެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވީ، ސިވިލް ސާވިސް މުވައްޒަފުން މިހާރު މަސައްކަތް ކުރާ ގަޑި އިތުރު ކުރުމަށް މިނިމަމް ވޭޖުގެ ބޯޑުން ލަފާ ދީފައިވާކަމަށެވެ.
އަމިއްލަ ފަރާތްތަކުގައި އާންމުކޮށް މަސައްކަތް ކުރާ މުވައްޒަފުން ދުވާލެއްގެ މައްޗަށް 8 ގަޑިއިރު މަސައްކަތް ކުރެއެވެ. ނަމަވެސް ސިވިލް ސާވިސްގެ މުވައްޒަފުން މަސައްކަތް ކުރަނީ ދުވާލަކު 6 ގަޑިއިރުއެވެ. މިއާއެކު އަމިއްލަ ފަރާތްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ކަންކަމުގައި ވަރަށްބޮޑު ފަރަޤެއް އޮންނަކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
"ވަރަށް ބޮޑު ޑިސްޕެރިޓީއެއް (ފަރަޤެއް) އެބައޮތް ޕްރައިވެޓް ސެކްޓާއާއި އަޅާބަލާއިރު. އެގޮތުން އަދި ރައްޔިތުންނަށް ދޭން ޖެހޭ ޙިދުމަތްތަށް ރަނގަޅު ކުރުމަށްޓަކައި މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގެ ފަރާތުން ރިކޮމެންޑޭޝަނެއް އެބައޮތް، ޕްރައިވެޓް ސެކްޓާއާއި އެއްގޮތަށް 8 ގަޑި އިރަށް [ސިވިލް ސާވިސް މުވައްޒަފުންގެ ގަޑި] އިތުރު ކުރުމަށް. އެއީ އަޅުގަނޑުމެން ކުރިއަށް އޮތްތާ ވިސްނާ މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާއި މަޝްވަރާ ކުރާނެ ކަމެއް" ފައްޔާޒް ވިދާޅުވިއެވެ.
ސަރުކާރުން ސިވިލް ސަރވިސް މުވައްޒަފުން މަސައްކަތްކުރާ ގަޑިއަށް ބަދަލު ގެނައުމަށް ނިންމާފައިވާއިރު މުވައްޒަފުންގެ އެންމެދަށް އުޖޫރަ ވެސް މިވަނީ ކަނޑައާޅާފައެވެ. އެގޮތުން ޕަބްލިކް ސެކްޓާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ގަޑިއިރަކަށް 33 ރުފިޔާ 65 ލާރި ދޭންޖެހޭގޮތަށް ސަރުކާރުން ވަނީ ނިންމާފައެވެ. ނަމަވެސް ސަރުކާރު ވަޒީފާތަކުގައި މަދުވެގެން 30 ގަޑިއިރު މަސައްކަތް ކުރާ މުވައްޒަފުންނަށް މަހެއްގެ މައްޗަށް 7000 ރުފިޔާ އެންމެދަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.
މިނިމަމް ވޭޖުގެ ސަބަބުން މުސާރައަށް ބަދަލު އަންނަ 33500 މުވައްޒަފުން އެބަތިބިއެވެ. އޭގެތެރޭގައޮ ސިވިލް ސަރވިސް މުވައްޒަފުންނާއި ސަރުކާރު ހިއްސާވާ ކުންފިނިތަކާއި އަމިއްލަ ފަރާތްތަކުގައި މަސައްކަތްކުރާ މުވައްޒަފުންވެސް ހިމެނެއެނެވެ.
ސަރުކާރުން މިނިމަމް ވޭޖު ކަނޑައެޅުމާއި އެކު މިއެންމެންގެ މުސާރައަށް ވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.