ވިޔަފާރި

މެލޭޝިއާގެ ނޯތުޕޯޓާއި ގުޅިގެން އެމްޕީއެލްއިން މަސައްކަތްކުރަނީ


މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި މެލޭޝިޔާގެ ނޯތުޕޯޓާއިއެކު 5 ދާއިރާއަކުން ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އޮންލައިންކޮށް ބޭއްވި މި ރަސްމިއްޔާތުގައި މެލޭޝިއާގެ ނޯތު ޕޯޓުގެ ފަރާތުން ސޮއިކުރެއްވީ، އެ ބަނދަރުގެ ސީއީއޯ ދަތޯ އަޒްމާން ޝާހް މުހައްމަދު ޔޫސުފްއެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީއެވެ. މިއެއްބަސްވުމުގެ ދަށުން މައިގަނޑު ފަސް ދައިރާއަކުން ނޯތުޕޯޓާއި އެމްޕީއެލް ގުޅިގެން މަސައްކަތް ކުރާނެއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، ކޯވިޑާއެކު ދުނިޔޭގެ ކަންކޮޅުތަކަށް މުދާ ފޯރުކޮށްދިނުމުގައި ހުރިހާ ބަނދަރަކަށްވެސް ގޮންޖެހުންތަކާއި ކުރިމަތިވެގެން ދިޔަ ކަމަށެވެ. އެހެންކަމުން މިފަދަ ތަޖުރިބާ ހިއްސާ ކުރުމުގެ އެއްބަސްވުމަކަށް މިއީ އެންމެ އެކަށީގެންވާ ވަގުތު ކަމަށް އޭނާ ވިދާޅުވިއެވެ.

ސީއީއޯ ވިދާޅުވި ގޮތުގައި ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އެންމެ ޒަމާނީ ވަސީލަތްތައް ޤާއިމުކުރުމަކީ މިހާރު މިދާއިރާގެ ހާލަތަށް ބަލާއިރު މަޖުބޫރުވެފައިވާ ކަމެއް ކަމަށާއި، އެމްޕީއެލްއިން އަބަދުވެސް މަސައްކަތް ކުރަނީ މިފަދަ ކުރިއެރުންތަށް ހޯދުމަށް ކަމަށެވެ.

ނޯތުޕޯޓާއެކު ވެވުނު އެއްބަސްވުމާއި ގުޅޭގޮތުން މެލޭޝިއާގެ ނޯތުޕޯޓުގެ ސީއީއޯ އަޒްމާން ޝާހް ވިދާޅުވީ، މިއީ ގިނަ ދުވަސްތަކަށް މަޝްވަރާ ކުރެވި، ނަމަވެސް އެއްބަސްވުމުގައި ސޮއިކުރުން ލަސްވެފައިވާ އެއްބަސްވުމެއް ކަމަށެވެ. އެގޮތުން މިއީ ދެ ފަރާތަށްވެސް ތަޖުރިބާ ހިއްސާކޮށް ގިނަ ފައިދާތަކެއް ކުރާނެ އެއްބަސްވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިއެއްބަސްވުމުގެ ދަށުން ވިޔަފާރި ތަރައްޤީ ކުރުމާއި، ފަންނީ ތަމްރީނުތަކާއި މަޢުލޫމާތު ބަދަލު ކުރުމުގެ އިތުރުން، އިންޖިނިއަރިން އަދި މެއިންޓެނެންސް ދައިރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވެފައެވެ. މީގެ އިތުރުން އޮން ދަ ޑޮކް ޓްރެއިނިން ކުރިއަށް ގެންދިއުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފައެވެ. މިއާއި ބައިނަލްއަޤްވާމީ އައިއެސްއޯ މިންގަނޑުތަށް ހާސިލު ކުރުމަށް ނޯތުޕޯޓުގެ އެހީތެރިކަން އެމްޕީއެލްއަށް ލިބިގެން ދާނެއެވެ.

ހަމައެއާއިއެކު ނޯތު ޕޯޓުގެ ހަލާލް ސިލްކް ރޫޓުގެ ތެރެއިން އެމްޕީއެލްއަށް އެހީތެރިކަން ލިބޭނެއެވެ. މި ހަލާލް ސިލްކް ރޫޓުގެ އަގު މިހާރު 2 ޓްރިލިއަން ޑޮލަރަށް އަރާނެކަމަށް ނޯތު ޕޯޓުން ބުނެއެވެ.

މެލޭޝިއާގެ އިޤްތިޞާދުގައި މުހިންމު ދައުރެއް އަދާކުރާ ނޯތުޕޯޓް ހިންގާތާ މިހާރު 100 އަށްވުރެ ގިނަ އަހަރުވެއްޖެއެވެ.