ފަތުރުވެރިކަމުގެ ރަން އަހަރާއި ދިމާކޮށް ފަތުރުވެރިކަމުގެ އިންޑަސްޓްރީއަށް ހާއްސަ އެވޯޑްތަކެއް ދިނުމަށް މަޝްވަރާ ކުރެވެމުންދާކަމަށް ޓުއަރިޒަމް މިިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަމުގެ ރަން އަހަރު އަންނަ އަހަރު ފާހަގަކުރުމަށް ކުރަމުންދާ މަސައްކަތާއި ގުޅޭ މަޢުލޫމާތު ހިއްސާ ކުރައްވަމުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި މިނިސްޓަރ މައުސޫމް ވިދާޅުވީ، އަންނަ އަހަރު ޖެނުއަރީ 1 އިން ފެށިގެން އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާނެ ކަމަށާއި، އަހަރު ނިމުމުގެ ކުރީން އެންމެ ކުރިން ރާވާފައިވާ ކަންކަން ޢިއުލާން ކުރާނެ ކަމަށެވެ.
މިގޮތުން މައި ހަރަކާތަކުގެ ތެރޭގައި ޖޫން މަހުގެ ފަހުކޮޅު މުޅި ދުނިޔެ ބައިވެރިވާ ފަތުރުވެރިކަމާއި ގުޅޭ ސަމިޓެއް ބާއްވާނެކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ. އަދި ދުނިޔޭގެ ޓުއަރިޒަމް ދުވަހާއި ރާއްޖޭގެ ޓުއަރިޒަމް ދުވަސް ގުޅުވާލައި ޓުއަރިޒަމް ވީކްއެއް ފާހަގަކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރަށް އަންނަ މަހުގެ މެދެއްހާތަނގާއި ފަތުރުވެރިކަމުގެ ހާއްސަ އެވޯޑެއް ޢިއުލާން ކުރައްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެވޯޑުތަކަށް ކުރިމަތިލެވޭނެ ގޮތްތަކާއި އެވޯޑުތައް ހާސިލުކުރުމަށް ބޭނުންވާ ކަންކަން އިއުލާން ކުރައްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"އެ އެވޯޑުތައް ވާނެ އަޅުގަނޑުމެންނަށް ފަސޭހައިން މިން އަޅާލެވޭ، ރަނގަޅަަށް މިން އަޅާލައިގެން އަޅުގަނޑުމެންނަށް ދެވެން ހުންނަ އެވޯޑުތަކަށް. އެއީ ރައްޔިތުންނަށް ފަހިވާގޮތަށް. ރަށްރަށަށް ފަހިވާގޮތަށް. ކުދި ކުދި އިޤްތިޞާދަށް؛ ފަންގިވިންނަ މީހުންނަށް ރިސޯޓުތަކުން އެހީވޭތޯ މިސާލަކަށް، ކޮށް ރިސޯޓަކަށްތޯ އެންމެ ގިނައިން ދިވެހި އުފެއްދުންތަށް ގެންނަނީ މިކަހަލަ އެވޯޑުތައް އިންޑަސްޓްރީގެ ބޭފުޅުންގެ ހިޔާލާއި އެކު އިއުލާން ކޮށްލާނަން. " އެވޯޑުތަކާއި ގުޅޭ ގޮތުން މިނިސްޓަރ ވިދާޅުވިއެވެ.
މިހަރަކާތުގެ އިތުރަށްވެސް ރާއްޖެ އިސްތިހާރު ކުރުމާއި ކައުންސިލްތަކާއި ގުޅިގެން ތަފާތު ހަރަކާތްތައް ހިންގުމަށް ރޭވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ހަމައާއިއެކު ރާއްޖެ އަދި ދުނިޔޭގެ ރިކޯޑު މުގުރާލުމަށް މުބާރާތްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިކަންކަމުގެ އިތުރަށް އަމިއްލަ ފަރާތްތަކުންވެސް އިތުރު ކަންކަން ރޭވުމުގެ ފުރުސަތު އޮންނަނާނެކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.