ރާއްޖޭގެ މައި އެއާޕޯޓުކަމަށްވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރ ގޯޑަން އެންޑްރިއު ސްޓްވާޓް މަޤާމުން ވަކިކޮށްފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
އެމްއޭސީއެލްއިން ހާމަކޮށްފައިވާ ގޮތުގައި، އެކުންފުނީގެ ސީއީއޯ ގޯޑަން އެންޑްރޫ ސްޓްވާޓް މަޤާމުން ވަކިކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން ކޯޕަރަޓައިޒޭޝަން ބޯޑުގެ އެންގުމުގެ މަތީންނެވެ. ނަމަވެސް އޭނާ ވަކި ކުރި ސަބަބެއް އެކުންފުނިން ހާމަކޮށްފައި ނުވެއެވެ.
ގޯޑަން އޭނާގެ މަޤާމާއި ހަވާލުވެފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އިނގިރޭސި ވިލާތަށް ނިސްބަތްވާ ގޯޑަން އަކީ 30 އަހަރަށް ވުރެ ގިނަ ދުވަހު އޭވިއޭޝަން ދާއިރާގައި ހަރަކާތްތެރިވެފައިވާ ތަޖުރިބާ ހުރި ބޭފުޅެއް ކަމަށް އެމްއޭސީއެލްއިން މީގެ ކުރީން ވަނީ ވިދާޅުވެފައެވެ.
ގޯޑަން އޭނާގެ މަޤާމުން ދުރުކޮށްފައިވާއިރު އެކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރގެ މަޤާމަށް، އިނގިރޭސި ވިލާތަށް ނިސްބަތްވާ ޑެރަން ވިލިއަމްސް ނަމަކަށް ކިޔާ ބޭފުޅަކު އައްޔަން ކޮށްފައިވާ ކަން އެމްއޭސީއެލްއިން މިހަފްތާ ތެރޭގައި ވަނީ ހާމަކޮށްފައެވެ.