ވިޔަފާރި

ކޯޕަރޭޓް މޯލްޑިވްސް ބިޒްނަސް އެކްސްޕޯ އަންނަ ޖޫން މަހު ކުރީކޮޅު!


ކޯޕަރޭޓް މޯލްޑިވްސް ބިޒްނަސް އެކްސްޕޯ، އަންނަ އަހަރު ޖޫން މަހުގެ ކުރީކޮޅުގައި ބޭއްވުމަށް ނިންމައިފިއެވެ.

އޯކާ މީޑިއާ ގުރޫޕުން އިންތިޒާމުކޮށްގެން ބާއްވާ ބިޒްނަސް އެކްސްޕޯއަކީ ރާއްޖޭގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން ބާއްވާ މިފަދަ އެންމެބޮޑު އެއް އެކްސްޕޯއެވެ. މި އެކްސްޕޯ ޚާއްސަ ވެގެންދާނީ ވިޔަފާރި ގުޅުންތައް ބަދަހިކޮށް ވިޔަފާރިތައް ކުރިއެރުވުމަށް ވިޔަފާރިތަށް އެއް ފުރާޅެއްގެ ދަށަށް ގެނެސް މަޝްވަރާކުރުމަށެވެ. އަދި ދޭދޭ ވިޔަފާރިތަކުގެ މެދުގައި ގުޅުން ޤާއިމުކުރުމަށް މި އެކްސްޕޯއިން އެހީތެރިވާނެކަމަށް އެކްސްޕޯ އިންތިޒާމު ކުރާ އޯކާ މީޑިއާ ގްރޫޕުން ބުނެއެވެ. މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖޫން މަހުގެ 7ވަނަ ދުވަހާއި 8ވަނަ ދުވަހުއެވެ.

ބިޒްނަސް އެކްސްޕޯ މިފަހަރު ކުރިއަށްދާނީ ކޯޕަރޭޓް މޯލްޑިވްސް "ނެޓްވޯކް" ޕޯޓަލް މެދުވެރިކޮށް ބައްދަލުވުންތަށް ތާވާލްކޮށް މުޅިއަހަރު ތެރޭ ކުރިއަށް ގެންދެވޭ ގޮތަށްކަމަށް އޯކާ މީޑިއާ ގްރޫޕުން ބުނެއެވެ. ގޯލްޑް 100 ކުންފުނިތަށް ހިމެނޭ ޑައިރެކްޓްރީއެއް ހިމެނޭ މި ޕޯޓަލް މެދުވެރިކޮށް 3000އަށްވުރެ ގިނަ ބައްދަލުވުން ޕޯޓަލް ތެރެއިން ތާވާލް ކުރާނެއެވެ. މީގެ އިތުރަށް ވާޗުއަލް ޕްރޮފައިލްތަކާއި ވީޑިއޯ ކޮންފަރެންސިން ފަދަ މުހިންމު ފީޗާރ ހިމެނޭ މި ޕޯޓަލް މެދުވެރިކޮށް އެންމެ ފަހުގެ މަޢުލޫމާތު ލިބޭނެ ކަމަށް އޯކާއިން ބުނެއެވެ.

މި އެކްސްޕޯގެ ތެރެއިން މިއަހަރުވެސް އަންހެނުންގެ ސަމިޓެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އަލަށް ވިޔަފާރީގެ ދާއިރާއަށް ވަންނަ މީހުންނަށް އަމާޒުކޮށްގެން އެންޓަޕްރިނިއަރ ސައމިޓެއް ކުރިއަށް ގެންދާނެއެވެ. މީގެ އިތުރުން މާލީ ދާއިރާގެ ތަޖުރިބާކާރުންނަށް ޚާއްސަކޮށްގެން ބާއްވާ ސަމިޓަކާއި މާކެޓާސް ފޯރަމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އޯކާއިން ބުނެއެވެ. މި ހަރަކާތްތަކުގެ ބޭނުމަކީ ދިވެހި ރާއްޖޭގެ ހުނަރުވެރި އުފެއްދުންތެރިން އެއް ތަނަކަށް ގެނައުމުގެ ބޭނުމުގައި ކަމަށްވެސް އޯކާއިން ބުނެއެވެ.

މިޙަރަކާތުގައި 150 ވިޔަފާރިއާއި އެކި ދާއިރާ ތަކުން ބައިވެރިއެވެ. އެކްސްޕޯގެ ތެރެއިން ވިޔަފާރިތަކުގެ އާ އުފެއްދުންތަކައި ޚިދުމަތްތައް ދައްކާލުމަށް ވިޔަފާރިތަކަށް ފުރުސަތު ލިބޭނެއެވެ.

މިދިޔަ އަހަރުގެ ބޭއްވި އެކްސްޕޯގައި 2000އަށްވުރެ ގިނަ ފަންނީ މީހުން ބައިވެރިވެފައިވެއެވެ. އަދި 60އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވިކަމަށް އޯކާ ގްރޫޕުން ބުނެއެވެ.