ދުނިޔޭގެ ވިޔަފާރި

ގޫގުލްއިން އޮސްޓްރޭލިއާގައި 736 މިލިއަން ޑޮލަރު އިންވެސްޓްކުރަނީ


ގޫގުލްއިން އޮސްޓްރޭލިއާގައި 1 ބިލިއަން އޮސްޓްރޭލިއާ ޑޮލަރު ނުވަތަ 736 މިލިއަން އެމެރިކާ ޑޮލަރު އިންވެސްޓް ކުރުމަށް ނިންމާފައިވާކަން އެކުންފުނިން ހާމަކޮށްފިއެވެ.

ގޫގުލްއިން ހާމަކޮށްފައިވާ ގޮތުގައި މި އިންވެސްޓްމެންޓް ދަށުން ކުރިއަށް އޮތް 5 އަހަރު ދުވަހުގެތެރޭ ގޫގުލްއިން 736 މިލިއަން އެމެރިކާ ޑޮލަރު އިންވެސްޓު ކުރާނެއެވެ.

މީއިންވެސްޓްމެންޓުގެ ދަށުން ގޫގުލްގެ ރިސާޗް ހަބެއް އޮސްޓްރޭލިއާގައި ޤާއިމު ކުރުމަށް ހަމަޖެހިފައިވާއިރު، އެ ޤައުމުގެ ކްލައުޑް ކޮމްޕިއުޓިން ސްޓްރަކްޗަރ ތަރައްޤީ ކުރުމަށްވެސް ބޮޑު ޙަރައްދެއް އެކުންފުނިން ކުރާނެއެވެ. މީގެ އިތުރަށް ދުނިޔޭގެ އެންމެ ބޮޑު ފަރު ކަމަށްވާ ގްރޭޓް ބެރިއާ ރީފް ހިމާޔަތް ކުރުމުގެ މަސައްކަތުގައި ސަރުކާރުގެ ސައެންޓިފިކް ރިސާޗް ޓީމަށް އެހީތެރިވާނެ ކަމަށާއި، އަދި ސާފު ހަކަތަ އުފެއްދުމުގެ މަޝްރޫއުތަކަށްވެސް އެހީތެރިވާނެކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ. އެކުންފުނީގެ މިމަސައްކަތަކާއި އެކު 2000 ވަޒީފާ އުފެދޭނެ ކަމަށް ޙަބަރުތައް ބުނެއެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވަނީ ގޫގުލް މި ނިންމުމަށް ވަރަށް ބޮޑަށް ތާޢިދުކޮށްފައެވެ. އެގޮތުން އޭނާ ވިދާޅުވީ މިއީ އޮސްޓްރޭލިއާގެ އިޤްތިޞާދު ދަމަހައްޓަން ކުރާ މަސައްކަތަށް ގޫގޫލް ކުންފުނިން ކޮށްދޭ ވަރަށް ބޮޑު މަސައްކަތެއް ކަމަށެވެ. އަދި މިއިންވެސްޓްމެންޓުގެ ސަބަބުން 6000 ވަޒީފާ އުފެދި 6.7 ބިލިއަން އޮސްޓްރޭލިއާ ޑޮލަރު އެ ޤައުމުގެ އިޤްތިޞާދަށް އިތުރުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ދާދި ފަހަކާ ޖެހެންދެން ވެސް އޮސްޓްރޭލިއާ ސަރުކާރާއި ގޫގުލްއާ ދެމެދު މަސްލަހަތު ގޯސްވެފައިވީ ނަމަވެސް ގޫގުލްގެ މި ނިންމުމާއެކު ކަންކަން ބަދަލުވާނެކަމަށް މާހިރުން ބުނެއެވެ.

ގޫގުލްއާއި އޮސްޓްރޭލިއާ ސަރުކާރާ ދެމެދު މައްސަލަ ހޫނުވީ ނޫސްތަކާއި އަދި އެހެނިހެން ކޮންޓެންޓް ކްރީއޭޓަރުންގެ އުފެއްދުންތައް ގެންނަނަމަ އުފައްދާ ފަރާތަށް ފައިސާ ދޭންޖެހޭ ގޮތަށް އޮސްޓްރޭލިއާ ޤާނޫނަށް ބަދަލު ގެންނަން އުޅުމުންނެވެ. މީގެ ބޮޑުބައި އަމާޒުވީ ފޭސްބުކް އަދި ގޫގްލްއަށެވެ.

މިއާއިއެކު އެކުންފުނިން ބުނެފައިވަނީ މިއީ އެކުންފުނީގެ ޙިދުމަތް ލިބުމަށް އާންމުންނަށް ދަތިވާނެ ފަދަ ޤާނޫނެއް ކަމަށެވެ. ނަމަވެސް އޭގެފަހުން އޮސްޓްރޭލިއާގެ ބައެއް ނިއުސް ރޫމްތަކާއެކު ގޫގުލް އިން އެއްބަސްވުންތަކެއް ހެދިއެވެ. މިމައްސަލާގައި ފޭސްބުކްއިން އޮސްޓްރޭލިއާގައި ނޫސް މަޖައްލާތަކަށް އެކުންފުނީގެ އެޕް މެދުވެރިކޮށް ނުވަދެވޭ ގޮތަށްވެސް ހެދިއެވެ. ނަމަވެސް ފަހުން ގެނެވުނު ބަދަލުތަކާއެކު އަލުން ޕޭޖްތައް ފެންނަ ގޮތަށް ވަނީ ހަދާފައެވެ. މި މައްސަލާގައި ގޫގުލްއިން އަމަލު ކުރި ގޮތާއި މެދު އޮސްޓްރޭލިއާގެ ގިނަ ނޫސްތަކާއި ސިޔާސީ ފަރާތްތަކުގެ ތާޢީދު އެކުންފުންޏަށް ލިބުނެވެ.