ޚަބަރު

މަސްޖިދުލްއަޤްޞާގެ އިމާމު ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތް


އިސްލާމްދީން ކުރިއެރުވުމުގެ ދާއިރާއިންނާއި، އެހެން ދާއިރާތަކުން ފަލަސްޠީނާއި ރާއްޖެއާ އޮންނަ ގުޅުން މިހާރަށްވުރެ ބަދަހި ވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިހެން ވިދާޅުވީ، އެމަނިކުފާނުގެ  އަރިހަށް، ފަލަސްޠީނުގެ މަސްޖިދުލްއަޤްޞާގެ އިމާމު، ފަޟީލަތުއްޝައިޙު ޢަލީ ޢުމަރު ޔަޢުޤޫބު އައްބާސީ މިއަދު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިބައްދަލުކުރެއްވުމުގައި، ފަލަސްޠީނުގެ މަސްޖިދުލްއަޤްޞާގެ އިމާމު ރާއްޖެއަށް ޒިޔާރަތް ކުރެއްވިކަމަށްޓަކައި ވަރަށް ބޮޑަށް އުފާފުޅުކުރައްވާ ކަމުގައި ވިދާޅުވެ، އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވިއެވެ. ރާއްޖެއާއި ފަލަސްޠީނާއި ދެމެދު އޮންނަ ގާތް ގުޅުން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރައްވައި، ފަލަސްޠީނާއި ރާއްޖޭއާއި ދެމެދު އޮންނަނީ ވަރަށް އެކުވެރި އެއްބައިވަންތަ ގުޅުމެއް ކަމަށް ވިދާޅުވިއެވެ.މީގެ އިތުރުން، ފަލަސްޠީނުގެ ރައްޔިތުންނަށް ހެޔޮގޮތް މެދުވެރިވުމަށާއި ފަލަސްޠީނަށް މިނިވަންކަންލިބުމަށް އެދި ދުޢާ ކުރައްވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ. މަސްޖިދުލްއަޤްޞާގެ އިމާމު ދެއްކެވި ވާހަކަފުޅުގައި ހުރިހާ މަޒްހަބަކަށްވެސް އިޙްތިރާމް ކުރުމަކީ މުހިންމު ކަމެއްކަމުގައި ވިދާޅުވިއެވެ. އަދި، ރާއްޖޭގައި އިސްލާމްދީނުގެ މެދުމިންގަނޑެއް ހިފަހައްޓަވައި، ދީނީ ކަންކަން ކުރިއެރުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްފުޅުތައް ފާހަގަ ކުރެއްވިއެވެ. އަދި ދިވެހިރާއްޖެ އަކީ އަބަދުވެސް ފަލަސްޠީނަށް ވަރަށް ހެޔޮއެދޭ ވަރަށްގިނަ އެހީތެރިކަން ދެއްވާ ޤައުމެއްކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އަށް ޝުކުރު ދެންނެވިއެވެ.