ދުނިޔޭގެ މަޝްހޫރު ބުކިންގް ޕްލެޓްފޯމް އަގޯޑާއާއި މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމުގެ އެސޯސިއޭޓް ޕާޓްނަކަރަށްވުމަށް ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުޙައްމަދު އަޙުމަދު ހުސައިނާއި ޓުއަރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޑރ.ނައުޝާދު މުޙައްމަދާއި، އަގޯޑާއި ކުންފުނީގެ ސީއީއޯ ޖޯން ބްރައިން ބައިވެރިވެޑައިގެންނެވިއެވެ. މީގެ އިތުރުން މިރަސްމީއްޔާތުގައި އެމްއެމްޕީއާރްސީން ވަނީ ބައިވެރިވެފައެވެ.
މި އެއްބަސްވުމާއިއެކު މި ޕްރޮގްރާމުގައި ބައިވެރިވާ ފަތުރުވެރިންނަށް ލިބޭ ފައިދާ އިތުރުވެގެންދާނެއެވެ. އެގޮތުން އަގޯޑާގެ ބުކިން ޕްލެޓްފޯމް މެދުވެރިކޮށް ބުކްކުރާ ފަރާތްތަކަށް، ބޯޑަރ މައިލް ޕްރޮގްރާމުގެ އެކްސްކްލޫސިވް ސޭވިންގް ޕޮއިންޓް ލިބޭނެއެވެ. މީގެ އިތުރުން އަގޯޑާއިން މި ޕޮރޮގްރާމު އިތުރަށް ތަރައްޤީ ކުރުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދީ، އަގޯޑާގެ ނެޓްވޯކުގައި މި ޕްރޮގްރާމުގެ ޕާޓްނަރުން ޕްރޮމޯޓު ކޮށްދޭނެއެވެ.
މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމަކީ ފަތުރުވެރިންނަށް އަމާޒުކުރާ ދުނިޔޭގެ ފުރަތަމަ ޑެސްޓިނޭޝަން ލޯޔަލްޓީ ޕްރޮގްރާމެވެ. މިއަހަރު ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު ފެށި މި ޕްރޮގްރާމުގައި 26 ޕާޓްނަރުން މިހާތަނަށް ވަނީ ބައިވެރިވެފައެވެ. އަދި މި ޕާޓްނަރުންގެ ތަފާތު ޚިދުމަތްތަށް އަގުހެޔޮކޮށް އަދި މުޅިން ހިލޭ އެންމެ މަތީ ފެންވަރުގެ ޚިދުމަތް ލިބުމުގެ ފުރުސަތުވެސް ފަހިވެގެންދެއެވެ.
ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް މުހައްމަދު އަޙްމަދު ހުސެއިން ވިދާޅުވީ، މި ޕްރޮގްރާމަށް އުއްމީދު ނުކުރާހާ ބޮޑު ތަރުޙީބެއް މިހާތަނަށް ލިބިފައިވާ ކަށެވެ. އެގޮތުން ކުރިއަށް އޮތް ދުވަސް ތަކުގެ ތެރޭގައި މި ޕްރޮގްރާމުގައި ބައިވެރިވި ފަތުރުވެރިންގެ ޢަދަދު ބައިލައްއްކައަށް އަރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއީ ފުރަތަމަ އަހަރު ތެރޭ ހާސިލުވާނެ ކަމަށް އުއްމީދު ކުރި އަދަދެއް ނޫންމަށް ކޮންޓްރޯލާ ވިދާޅުވިއެވެ.
ރަސްމީއްޔާތުގައި އަގޯޑާގެ ފަރާތުން ކުންފުނީގެ ސީއޯއޯ ޖޯން ބްރައުން ވިދާޅުވީ، މި ޕްރޮގްރާމަކީ ވަރަށް ރަނގަޅަށް ކުރިއަށްދާނެ ޕްރޮގްރާމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި މިއީ ދިވެހިން ރާއްޖެއިން ތައާރަފުކުރި އިޖާދީ އަދި ވަރަށް ފައިދާ ކުރަނިވި ޕްރޮގްރާމެއް ކަމަށް އެނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ކޯވިޑާއި އެކު ވަރަށް ގިނަ ފަރާތްތައް މީގެ ކުރީން އުއްމީދު ނުކުރާ ގޮތަށް ގުޅިގެން މަސައްކަތް ކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން ސަރުކާރުތަކުން އަގޯޑާއި އެކު ކުރަމުންދާ މަސައްކަތުން މިކަން ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
އަގޯޑާއަކީ 2015ވަނަ އަހަރު އީކޮމާސް ވިޔަފާރީގެ ދާއިރާއިން ފެށި ސިންގަޕޫރުގެ ކުންފުންޏެކެވެ. އެކުންފުނީގެ ޑީޖިޓަލް ޓްރެވެލް ޕްލެޓްފޯމުގައި 2.5 މިލިއަނަށް ވުރެ ގިނަ ހޮޓަލާއި ރިސޯޓު ރެޖިސްޓްރީ ކޮށްފައިވާއިރު 200އަށްވުރެ ގިނަ ޤައުމަށް ބުކިން ފޯރުކޮށްދެއެވެ.