ވިޔަފާރި

އަމަނާ ތަކާފުލްއިން ހިއްސާގެ ފައިދާގެ ގޮތުގައި 2.63 މިލިއަން ރުފިޔާ ބަހަނީ


މިއަހަރުގެ ފުރަތަމަ އިންޓަރިމް ޑިވިޑެންޑް(ހިއްސާގެ ފައިދާ) ގެ ގޮތުގައި 10 އިންސައްތަ ހިއްސާދާރުންނަށް ދިނުމަށް ނިންމާފައިވާކަމަށް އަމާނާ ތަކާފުލްއިން ހާމަކޮށްފިއެވެ.

އަމާނާ ތަކާފުލްއިން ހާމަކުރި ގޮތުގައި، މިއަދަދަކީ މިހާތަނަށް އެކުންފުނިން ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ކަނޑައެޅި އެންމެ ބޮޑު އަދަދެވެ. މިދިޔަ ބުރާސްފަތިދުވަހު ބޭއްވި އެކުންފުނީގެ ބޯޑު ޖަލްސާގައި 10 އިންސައްތަ ދިނުމަށް ނިންމާފައިވާއިރު މިއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު 2.5 އިންސައްތައިގެ ކުރިއެރުމެއް ކަމަށް އެކުންފުނިން ހާމަކުރެއެވެ. އެކުންފުންޏަށް ލިބުނު ސާފު ފައިދާގެ ތެރެއިން ހިއްސާދާރުންނަށް ބަހަން ނިންމާފައިވަނީ 2.63 މިލިއަން ރުފިޔާއެވެ. އެކުންފުނިން ބުނި ގޮތުގައި ހިއްސާ ބެހުމުގެ ކަންކަން ޑިސެމްބަރު 7 ވަނަ ދުވަހަށް ނިންމާލެވޭނެއެވެ.

އަމާނާ ތަކާފުލްއިން ބުނި ގޮތުގައި އެކުންފުންޏަށް ތިންވަނަ ކުއާޓަ ނިމުނުއިރު ސާފު ފައިދާ ގޮތުގައި ލިބިފައިވަނީ 17.6 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު 9 އިންސައްތައިގެ ކުރިއެރުމެކެވެ.

އަމާނާ ތަކާފުލްއިން ބުނީ ކޯވިޑުގެ ހާލަތުގައިވެސް މިއަހަރުގެ ފުރަތަމަ ދެ ކުއާޓާ ތެރޭގައި ކުންފުނީގެ މަލީ ދުޅަހެޔޮކަން ހިފަހެއްޓުމަށް ގިނަ ކަންކަން ކޮށްފައިވާކަމަށެވެ. އަދި ކުންފުނީގެ ހިންގުން ހަރުދަނާކޮށް ކޮވިޑު ތެރޭގައި ގެއްލުން ކުޑަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެން ދިޔަ ކަން އެކުންފުނިން ފާހަގަކުރެއެވެ.

އަމާނާ ތަކާފުލްގެ ވިޔަފާރި ބިނާވެފައިވަނީ ތަކާފުލް އޮނިގަނޑަށެވެ. އެގޮތުން ވޭތުވެދިޔަ 8 އަހަރު މެދުނުކެނޑި ރިސްކު ފަނޑުގެ ބައިވެރިންނަށް ސާޕްލަސް ދީފައިވާކަމަށެވެ. އަދި ސާޕްލަސްގެ ގޮތުގައި ފެށިއިރު 10 އިންސައްތަ ދިން ނަމަވެސް މިހާރު 15 އިންސައްތައަށް އިތުރުކުރެވިފައިވާކަމަށް އެކުންފުނިން ބުނެއެވެ.

އަމާނަތަކަފުލް މޯލްޑިވްސްއަކީ ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ތަކާފުލް (އިސްލާމީ އިންޝުއަރަންސް) ތަޢާރަފުކޮށް ޚިދުމަތް ދެމުން އަންނަ ކުންފުންޏެވެ.