ކުޅިވަރު

ބަންގްލަދޭޝް އަތުން މޮޅުވެ ރާއްޖެ ސެމީއާއި ފިޔަވަޅަކަށް ގާތަށް


ސާފް ސުޒުކީ ކަޕުގައި މިއަދު ބަންގްލަދޭޝް އަތުން
3-1 އިން މޮޅުވެ ރާއްޖެ މުބާރާތުގެ ސެމީޔާ ފިޔަވަޅަކަށް ކައިރިޔަށް
ޖެހިލައިފި އެވެ. މިއަދުގެ މެޗުގައި ފުރަތަމަ ގޯލް ލިބުނު ޕެނަލްޓީއަކުން
ކާމިޔާބުކޮށްދިނީ ކެޕްޓަން އަލީ އަޝްފާޤެވެ. މި ގޯލް އަޝްފާޤް ކާމިޔާބުކުރި ފުރަތަމަ
ހާފް ނިމެން ވަރަށް ކުޑަތަން ވެފައިވަނިކޮށެވެ. މީ އިމާޒް ބަންގްލަދޭޝްގެ ގޯލަށް
ފޮނުވާލި ބޯޅައެއް އެ ޓީމްގެ ޕެނަލްޓީ އޭރިޔާތެރެއިން ބަންގްލަދޭޝްގެ
ކުޅުންތެރިޔަކު އަތުން ޖެއްސުމުން ލިބުނު ޕެނަލްޓީއެކެވެ.



މި ނަތިޖާގަ އޮވެ މެޗް ނިމެން ދަނިކޮށް
ބަންގްލަދޭޝްއިން ގޯލެއް ޖެހިއެވެ. މި ގޯލް ޖެހީ މެޗް ނިމެން ހަތަރު މިނެޓަށް
ވެފައިވަނިކޮށް ހެމަންތާ އެވެ. އެހެންނަމަވެސް އެޔަށްފަހު ރާއްޖެއިން ގެނައި
ބަދަލަކަށްފަހު ކުޅެން އެރި ނާއިޒް ހަސަން ވަނީ ކުޅެން އަރާ ފުރަތަމަ ޖެހި
ބޯޅައިން ގޯލެއް ވައްދާލަފައެވެ. ނާޝިދު ހުރަސްކޮށްދިން ބޯޅައިން އޭނާ ކާމިޔާބުކުރި
މި ގޯލަކީ ވާދަވެރި މެޗެއްގައި އޭނާ ޤައުމީ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ
ގޯލެވެ.



އޭގެ ފަހުން ރާއްޖެއިން އުފެއްދި ކައުންޓަރ
އެޓޭކެއްގައި ރާއްޖެގެ ތިން ވަނަ ގޯލް ކާމިޔާބުކޮށްދިނީ ނާޝިދެވެ.