ކުޅިވަރު

ޤައުމީ ވޮލީ ޓީމް ކެޕްޓަނަކަށް ސާޖިދު ހަމަޖައްސައިފި


ޤައުމީ ވޮލީބޯޅަ ޓީމުގެ ކެޕްޓަނަކަށް ތަޖްރިބާކާރު އަދި މިވަގުތު ޓީމުގައި ހުރި އެންމެ ސީނިއަރ އެއް ކުޅުންތެރިޔާ އިސްމާޢީލް ސާޖިދު (ކުޑަކާއްޓެ) ހަމަޖައްސައިފިއެވެ. ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު ވޮލީ ބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިނެބޭ ސާޖިދަށް ކެޕްޓަންކަން ހާވާލުކޮށްފައިވަނީ އެންމެ ފަހުން ޤައުމީ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ޢަލީ ހުޒާމެވެ. ހުޒާމްގެ ކެޕްޓަންކަމުގެ ދަށުން ގައުމީ ޓީމް އެންމެ ފަހުން ކުޅެފައިވަނީ 2019ވަނަ އަހަރު ނޭޕާލްގައި ކުރިއަށްދިޔަ ސެންޓްރަލް ޒޯން ވޮލީ މުބާރާތެވެ.

އާ ކެޕްޓަން އިސްމާޢީލް ސާޖިދުގެ ކެޕްޓަންކަމުގެ ދަށުން ގައުމީ ޓީމް އެންމެ ފުރަތަމަ ނިކުންނާނީ މާދަމާ ރޭ އަވަށްޓެރި ސްރީލަންކާއާއި ދެކޮޅަށެވެ. މިމެޗްތައް ކުޅުމަށް ސްރީލަންކާ ވޮލީ ޓީމް ރާއްޖެ އައިސްފައިވަނީ މިއަދު ހެދުނުގެ ވަގުތެއްގައެވެ. ލަންކާ ވޮލީ ޓީމާއި ދެކޮޅަށް ރާއްޖޭގެ ވޮލީ ޓީމް 3 މެޗް ކުޅުމަށްވަނީ ހަމަޖެހިފައެވެ. އެއީ މާދަމާ ރޭ އާއި މިއަންނަ ހުކުރު އަދި އާދީއްތަ ދުވަހު ރެއެވެ. މިއީ މިމަހުގެ 22ވަނަ ދުވަހުން ފެށިގެން 29 ނިޔަލަށް ކުރިއަށްދާ ސެންޓްރަލް ޒޯން ވޮލީ މުބާރާތަށް ތައްޔާރުވުގެ ގޮތުން ކުޅެވޭ ތިން މެޗެވެ. ކުޑަކާއްޓޭގެ ކެޕްޓަންކަމުގެ ދަށުން މާދަމާ ރޭ އަވަށްޓެރި ސްރީލަންކާއާއި ދެކޮޅަށް ޤައުމީ ވޮލީ ޓީމް ނިކުންނައިރު، މިމެޗް ޝަރަފްވެރިކޮށްދެއްވާނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހެވެ.

ސޯލްޓް ކެފޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން މޯލްޑިވްސް ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ރަނޭޝް ވިދާޅުވީ މުބާރާތަށް ތައްޔާރުވުމަށް ލިބުނު ކުޑަ ދުވަސްކޮޅުގެ ތެރޭގައި ދެ ޓީމަށްވެސް (އަންހެން އަދި ފިރިހެން ޓީމަށް) ބޮޑެތި ބަދަލްތަކެއް އައިސްފައިވާކަން ފާހަގަކޮށްލެވޭކަމަށެވެ. އަދި ކުރިން އެއްކޮށް ފިޓް ނޫން ކުޅުންތެރިންވެސް މިހާރު ބޮޑަށް ފިޓްކޮށް ފެންނަމުންދާކަމަށެވެ އަދި މިކަމުން ޓީމަށް އައިސްފައިވާ ކުރިއެރުން ވަރަށް ބޮޑަށް ދައްކުވައިދޭކަމަށް ރަނޭޝް ވިދާޅުވިއެވެ. ހާއްސަކޮށް ދެ ޓީމުގެ ކޯޗިން ސްޓާފުންވެސް ދޭ އެންމެ ބޮޑު ޔަގީންކަމަކީ ދެ ޓީމުންވެސް ތަފާތުތަކެއް ދައްކާނެކަމުގެ ޔަގީންކަންކަމަށް ވީއޭއެމްގެ ރައީސް މުޙައްމަދު ރަނޭޝް ވިދާޅުވިއެވެ.

"މާދަމާ ރޭގެ މެޗްގައި ތަފާތެއް ދައްކަން އެބަ ބޭނުންވޭ. މިހާރު ފަރިތަކުރުންތަކުގައި ދައްކަމުންދާ ހިތްވަރު މާދަމާ ރޭގެ މެޗްގައި ދެއްކުން ވަރަށް ބޮޑަށް އެދެން. ފިރިހެން ޓީމް ސެންޓްރަލް ޒޯންގައި ސިލްވަރ މެޑަލްއެއް ހޯދާފައިވުމުން، މިފަހަރު ގޯލްޑް މެޑަލްއެއް ހޯދަން މަސައްކަތް ކުރަންޖެހޭ. އެކަން ކުޅުންތެރިންވެސް އެބަ ގަބޫލް ކުރޭ. ރައީސެއްގެ ހައިސިއްޔަތުން ލިބޭ ވަރަށް ބޮޑު އުފަލެއް، މިއީ ކުޅުންތެރިން ގޯލްޑް މެޑަލްއެއް ހޯދަން ބޭނުންވާކަން ހާމަވެގެން ދިއުމަކީ. އަދި މިހާރު ޓީމުގައި ތިބި ސީނިއަރ ކުޅުންތެރިންގެ އެހީއާއެކު، ޖޫނިއަރ ކުޅުންތެރިންނަށްވެސް އެހީވާން އެބަޖެހޭ. އެކުޅުންތެރިންނަށް އެއްބާރުލުން ބޭނުންވާނެ. އަދި މާދަމާ ރޭގެ މެޗްގައި ޑިސިޕްލިން ހިފަަހަށްޓައިގެން ރަނގަޅު ކުޅުމެއް ދެއްކަން ބޭނުންވޭ." ރަނޭޝް ބުންޏެވެ.


ހުޒާމްއާ ކެޕްޓަންކަން ހަވާލުކުރީ 2019 ވަނަ އަހަރު އަޙުމަދު ޢަބްދުލްކަރީމް (ލޯންގޭ) ޤައުމީ ޓީމުން ރިޓަޔާކުރި މުބާރާތުގައެވެ. އޭގެ ކުރިން ކެޕްޓަނަކަށް ހުރީ ލޯންގޭއެވެ. ލޯންގޭގެ ކުރިން ޤައުމީ ޓީމުގެ ކެޕްޓަން ގިނަ ދުވަސްތަކެއް ވެންދެންކޮށްފައިވަނީ އިޝާން މުޙައްމަދު (ބަޓިސް)އެވެ.

ލޯންގޭ އަށް ކެޕްޓަން ބޭންޑް ދިނީ 2018 ވަނަ އަހަރުއެވެ. އެއީ އޭގެ ކުރިން ގިނަ އަހަރުތަކެއް ވަންދެން ޓީމުގެ ކެޕްޓަނެއްގެ ޒިންމާ އުފުލި އިޝާން މުހައްމަދު (ބަޓިސް) ރިޓަޔާކުރުމުންނެވެ.