ވިޔަފާރި

ކުނިން ހަކަތަ އުފައްދާ ނިޒާމެއް ޤާއިމުކުރުމަށް އަބޫދާބީ ފަންޑުގެ އެހީތެރިކަން ރާއްޖެއަށް


ކުނިން ހަކަތަ އުފައްދައިގެން 6000 ގެއަށް ކަރަންޓު ދެވޭ ވަރުގެ ނިޒާމެއް އައްޑޫ ސިޓީގައި ޤާއިމު ކުރުމަށް އަބޫދާބީ ފަންޑުގެ ލޯނު އެހީ ރާއްޖެއަށް ހަމަޖެހިއްޖެއެވެ.

މި ލޯން އެހީގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޔޫއޭއީގައި ހުންނަވަގެން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ. މި އެއްބަސްވުމުގައި އާބޫދާބީ ފަންޑުގެ ފަރާތުން ސޮއިކުރެއްވީ، އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމެންޓު (އޭޑީއެފްޑީ) ގެ ޑިރެކްޓަރ ޖެނެރަލް، މުހައްމަދު ސައިފު އަލް ސުވައިދީއެވެ. މި އެއްބަސްވުމުގެ ދަށުން ކުނިން ހަކަތަ އުފައްދާ ވޭސްޓު ޓު އެނަރޖީ ފެސިލިޓީ އެޅުމަށް 14 މިލިއަން ޑޮލަރުގެ ލޯން އެހީ ރާއްޖެއަށް ލިބިގެންދާނެއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ، މިއީ ކުނިނައްތާލުމަށް ރާއްޖެއިން ގެންގުޅޭ ސިޔާސަތުގެ ތެރެއިން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ މަޝްރޫއެއް ކަމަށެވެ. މީގެ އިތުރުން ރައްޔިތުންނަށް ސާފު ހަކަތަ ލިބިގެންދާނެ ކަން ފާހަގަ ކުރައްވަމުން މިނިސްޓަރ ވިދާޅުވީ މިކަމުގެ ސަބަބުން 100 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށެވެ. މިނިސްޓަރވަނީ އޭޑީބީއާއި ޔޫއޭއީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ހައި އިމްޕެކްޓް އުމްރާނީ މަޝްރޫޢުތަކަށް ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.

މިރަސްމިއްޔާތުގައި އެޑީއެފްޑީގެ ޑިރެކްޓަރ ޖެނެރަލް ސުވައިދީ ވިދާޅުވީ، މިއީ ޔޫއޭއީން ސާފު ހަކަތައިގެ މަޝްރޫޢުތަކަށް އެހީވުމަށް ނިންމާފައިވާ ނިންމުމުގެ ތެރޭގައި ހިމެނޭ މުހިންމު ބައެއް ކަމަށެވެ. އަދި މަޝްރޫޢުގެ ތެރެއިން ކުނީގެ މައްސަލައަށްވެސް ހައްލެއް ލިބޭނެ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މިމަޝްރޫޢުގެ ދަށުން 6000 ގެއަށް ކަރަންޓު ފޯރުކޮށްދެވޭނެއެވެ. އަދި މިއީ 1.5 މެގަވޯޓުގެ ވޭސްޓް ޓު އެނަރޖީ ފެސިލިޓީއެކެވެ. އަދި މިމަޝްރޫޢުގެ ތެރެއިން %10 ކުނި މަދު ކުރެވިގެންދާ ކަމަށްވެސް އޭޑީއެފްޑީން ބުނެއެވެ.

މިމަޝްރޫޢުގެ ޖުމްލަ އަގަކީ 28 މިލިއަން ޑޮލަރެވެ. އޭޑީއެފްޑީން މިމަޝްރޫޢަށް ޚަރަދު ކުރަނީ މަޝްރޫޢުގެ ޖުމްލަ ޚަރަދުގެ ދެބައިކުޅަ އެއްބައެވެ.

އަބޫދާބީ ފަންޑަކީ 1976 އިން ފެށިގެން ރާއްޖެއަށް އެހީތެރިވަމުން އަންނަ ފަރާތެކެވެ. އެގޮތުން މިހާތަނަށް ރާއްޖޭގައި 204 މިލިއަން ޑޮލަރުގެ މަސައްކަތް އަބޫދާބީ ފަންޑުގެ އެހީތެރިކަމާއި އެކު ކުރިއަށް ގެންދެވިފައިވާ ކަމަށް އެ ފަންޑުން ބުނެއެވެ.