ސަރުކާރުގެ ކުންފުނިތައް ޕްރައިވެޓައިޒް ކުރާއިރު ކެޕިޓަލް މާކެޓަށް ހުޅުވާލައިގެން ޕްރައިވެޓައިޒް ކުރުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ(ސީއެމްޑީއޭ)އިން ވިދާޅުވެއްޖެއެވެ.
ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ(ސީއެމްޑީއޭ)އާއި، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ގުޅިގެން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ސީއީއޯ މުޙައްމަދު ހުސައިން މަނިކު ވިދާޅުވީ، ސަރުކާރުގެ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމަށް ސަރުކާރުން ނިންމަވާފައިވާއިރު، އެކުންފުނިތައް ކެޕިޓަލް މާކެޓް މެދުވެރިކޮށް ޕްރައިވެޓައިޒް ކުރުމަކީ އެ ކުންފުނިތަކަށް ބޭނުންވާ ފައިސާ އިންތިޒާމު ކުރުމަށާއި ވީހާވެސް ގިނަ ރައްޔިތުންނަށް ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމެއްކަމުގައެވެ.
ސީއެމްޑީއޭގެ ސީއީއޯ ވިދާޅުވީ، ދިވެހި ރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ޤާނޫނުގެ ދަށުން ލައިސެންސް ކުރެވިގެން ސްޓޮކް އެކްސްޗޭންޖް ކުންފުނި އުފައްދާފައިވާއިރު، ސީއެމްޑީއޭގެ ދައުރަކީ ޤާނޫނީ ގޮތުން، ރެގިއުލޭޓަރީ މަސައްކަތް ކުރުން ކަމަށެވެ. ނަމަވެސް މިއަދާހަމައަށްވެސް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ، ހިނގަން ޖެހޭ ގޮތަށް ރާއްޖޭގެ ހިއްސާގެ ބާޒާރު ނުހިންގާ އޮތުން ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް ދުވަލެއްގެ މައްޗަށްވެސް ހިއްސާގެ ބާޒާރުގެ ވިޔަފާރިތައް ނުހިނގާކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އެންމެ ބޮޑު އުންމީދެއް މިހާރުއޮތީ ސަރުކާރުން އެސްއޯއީތައް ޕްރައިވެޓައިޒް ކުރުމަށް ނިންމާފައިވާއިރު، އެ ކުންފުނިތައް ލިސްޓުކޮށް ކެޕިޓަލްމާކެޓް މެދުވެރިކޮށް އެމަސައްކަތް ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
"މިހާރުގެ ސަރުކާރުގެ ޕްރައިވެޓައިޒޭޝަން ޕްރޮގްރާމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް އުންމީދުކޮށްގެން ތިބޭ ޕްރޮގްރާމެއް، މިކޮޅަށް އަންނާނެ ކަމަށް. މީގަ އެންމެ ރަނގަޅުގޮތަކީވެސް ކެޕިޓަލް މާކެޓް މެދުވެރިކޮށް ޕްރައިވެޓައިޒްކުރުން. އެއީ އޭގެ ސަބަބުން އާންމު ހުރިހާ ރައްޔިތުންނަށް ފައިދާ ލިބޭނެ ކަމެއް. އެއީ އަޅުގަނޑުމެންގެ ކުރިމަގަށް ވަރަށް ބަލާނެ ކަމެއް. ކުރިއަށް އޮތް އަހަރު އެކަން ވާނެކަމަށް އުންމީދުކޮށްގެން މިތިބެނީ" މުޙައްމަދު މަނިކު ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ސީއީއޯ މުޙައްމަދު އައުޝަން ލަތީފް ވިދާޅުވީ، ޕްރައިވެޓައިޒް ކުރުމުގައި ސަރުކާރަށް ދޭންޖެހޭ އެއްބާރުލުމެއް ދިނުމަށް ތައްޔާރަށް އޮތް ކަމަށެވެ. އެގޮތުން ޕްރައިވެޓައިޒް ކުރުމުގެ ސިޔާސަތު ސަރުކާރުން ރޭވިއިރު ސްޓޮކް އެކްސްޗޭންޖާވެސް ބައްދަލުކޮށް މަޢުލޫމާތު ހޯދާފައިވާކަން ފާހަގަ ކުރައްވައި އައުޝަން ވިދާޅުވީ، ސަރުކާރަށް ޕްރައިވެޓައިޒް ކުރުމަށް ގިނަ ގޮތްތަށް ހުރިނަމަވެސް ކެޕިޓަލް މާކެޓުގައި އެކަން ކޮށްފިނަމަ އޭގެ ސަބަބުން ލިބޭ ފައިދާތައް ގިނަ ކަމަށެވެ.
މީގެއިތުރަށް މިކުންފުނިތައް ލިސްޓުކުރުމުން ކުންފުނިތަކުގެ ކެޕިޓަލް ރެއިޒް ކުރެވޭނެކަން ވޭތުވެދިޔަ 14 އަހަރުގެ ތަފާސްހިސާބުތަކުން ފެންނަން ހުރިކަން އޭނާ ފާހަގަ ކުރެއްވިއެވެ.
" އަޅުގަނޑުމެން އަބަދުވެސް މިއެދެނީ ޑޮމެސްޓިކް ކެޕިޓަލް މާކެޓުގެ ފުރިހަމަ ޕޮޓެންޝަލްއަށް ޓެޕް ކުރަން ސަރުކާރުންވެސް އެއަށް ބާރުއެޅުން. އެހެން މިދަންނަވަނީ މިމާކެޓުން ފައިސާ ރެއިޒް ކުރެވޭކަން ތަފާސްހިސާބުތަކަށް ބަލާލައިފީއްޔާ ފެންނަން އެބަހުރި. 2.33 ބިލިއަން ރުފިޔާ މިހާތަނަށް ރެއިޒް ކުރެވިފަވޭ. ފުދޭ ވަރެއްގެ ޢަދަދެއް ވޭތުވެ ދިޔަ ދުވަސްތަކަށް ބަލައިފި ކަމަށް ވަންޏާ. އެހެންވީމަ ސަރުކާރުގެ އެސްއޯއީތަކަށް ބޭނުންވާ ފައިސާ ރެއިޒް ކުރުމުގެ ފުރުސަތު އެބައޮތް " އައުޝަން ވިދާޅުވިއެވެ.
މީގެ އިތުރުން ޒަމާނީ ގިނަ ބަދަލުތަކަށް ސީއެމްޑީއޭއިން އަދި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން ތައްޔާރުވަމުން އަންނަ ކަމަށް ދެ ފަރާތުން ވެސް ވަނީ ހާމަ ކޮށްފައެވެ. އެގޮތުން ހިއްސާގެ ބާޒާރުގެ ވިޔަފާރިތަށް އޮންލައިކޮށް ކުރެވޭނެ ނިޒާމަކާއި ޕްރައިވެޓް ޕްލޭސްމެންޓް ސެކިއުރިޓީ ފްރޭމްވޯކެއް ތަޢާރަފް ކުރުމަށް މަސައްކަތް ސީއެމްޑީއޭއިން ވަނީ ހާމަކުރައްވާފައެވެ.