ކުޅިވަރު

ޓީމުގެ ކުރިއެރުން ފެންނަން ފަށައިފި - ކޯޗް ސާޖިދު


ސެންޓްރަލް ޒޯން ވޮލީ މުބާރާތަށް ދިއުމުގެ ކުރިން ވީހާވެސް ގިނަ މެޗްތަކެއް ކުޅެންލަން ލިބުމަކީ ޓީމްގެ ކުޅުންތެރިންނަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެކަމެއްކަމަށް ޤައުމީ ވޮލީ ޓީމުގެ ކޯޗް މުޙައްމަދު ސާޖިދު (ކާއްޓެ) ބުނެފިއެވެ. މިމަހުގެ 22ވަނަ ދުވަހު ބަންގްލަދޭޝްގައި ފެށުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޒޯން ވޮލީ މުބާރާތަށް ތައްޔާރުވުމަށް ގައުމީ ވޮލީ ޓީމު ވަނީ މިދިޔަ ހަފްތާގައި އަވަށްޓެރި ސްރީލަންކާއާއި ދެކޮޅަށް އެކުވެރިކަމުގެ ތިން މެޗް ކުޅެފައެވެ. މިތިން މެޗުންވެސް ރާއްޖެ ބަލިވެފައިވާއިރު، ރޭގައި ޤައުމީ ޓީމު ވަނީ އިންޑިޔާގެ ހައިދަރުއާބާދު ޓީމާއި ވާދަކޮށް 3 ސެޓް 1 ސެޓުން މެޗް ކާމިޔާބުކޮށްފައެވެ.

މެޗަށްފަހު ވާހަކަދައްކަމުން ގައުމީ ކޯޗް މުޙައްމަދު ސާޖިދު ބުނީ ވީހާވެސް ގިނަ މެޗްތަކެއް ކުޅެލަން ލިބުމަކީ ޓީމުގެ ކުޅުންތެރިންނަށާއި ޓީމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއްކަމަށެވެ. ޚާއްސަކޮށް ސެންޓްރަލް ޒޯން ފަދަ ވާދަވެރި މުބާރާތަކަށް ދިއުމުގެ ކުރިން، ކުޅޭ އެކުވެރިކަމުގެ މެޗްތަކުން ޓީމަށް އިތުބާރު ލިބޭނެކަމަށާއި ޓީމުގެ ގިނަ ކަންތައްތަކެއް ރަގަނޅު ކުރުމަށްވެސް ފުރުސަތު ލިބިގެންދާނެކަމަށެވެ. ރޭގައި ކުޅުނު މެޗްގެ ފުރަތަމަ ސެޓް ގެންދިޔައީ އިންޑިޔާގެ ސްޕައިކާސްއިންނެވެ. ރާއްޖެއިން މެޗް ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރާ ތިން ސެޓް ހޯދައިގެންނެވެ.

ޤައުމީ ވޮލީ ކޯޗް މުޙައްމަދު ސާޖިދު ބުނީ ވޮލީ ޓީމަށް އަންނަ ކުރިއެރުންތައް މިހާރު ފެންނަމުންދާކަމަށެވެ. ސްރީލަންކާއާއި ދެކޮޅަށް ކުޅުނު މެޗްގައި ހެދުނު ގޯސްތައް މެޗަކަށް ފަހު މެޗެއް ރަގަނޅު ކުރިކަމަށާއި ޚާއްސަކޮށް، ރޭގެ މެޗްގައި ޤައުމީ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ވަރަށް ގިނަ ކަންތައްތަކެއް ރަގަނޅު ކުރިކަން ކޯޗް ސާޖިދު ފާހަގަކުރިއެވެ. އަދި ރާއްޖޭގެ ކުޅުންތެރިން މެޗަކަށް ފަހު މެޗަކުން ކޮންފިޑެންސް ލިބޭކަން ފާހަގަކުރެވިފައި ވާކަންވެސް ކޯޗް ސާޖިދު ފާހަގަކުރިއެވެ.

"މި ގޮތަށް މެޗުތަކެއް ލިބުމަކީ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ މުބާރާތަށް ދިއުމުގެ ކުރިން. އެހެން ގައުމުތަކުގައި ނުލިބޭ ފުރުސަތު އަޅުގަނޑުމެންނަށް ލިބިއްޖެ ޕްރެކްޓިސް މެޗު ކުޅެން. އެހެން ނަމަވެސް އެ ގައުމުތަކުގައި ލީގު ވަރަށް ވަރުގަދަ، ވަރުގަދައަށް ލީގު ކުޅެފި ބޭރުން މީހުން ގެނެސްގެން. ޚާއްސަކޮށް ސެންޓަ ދެ މީހުންނަކީ ނެޝަނަލް ޓީމަށް ވެސް ކުޅޭ މީހުން. އިންޑިއާގައި ކުޅެން ތައްޔާރުވެފައި އޮތް ލީގުގައި ވެސް އެންމެ ރޭންކިން މަތި ސެންޓަ އެބަހުރި. މި މެޗުތަކަކީ ގައުމީ ޓީމްއަށް ވަރަށް ރަނގަޅު މެޗުތަކެއް." ސާޖިދު ބުންޏެވެ.

ޤައުމީ ސްކޮޑްގައި މިފަހަރުވަނީ ޒުވާން ތިން ކުޅުންތެރިން ހިމަނާފައެވެ. އެއީ މާއިޝް އަހުމަދު، އަހުމަދު ނާފިއު އަދި ޝާމިލް މުޙައްމަދުއެވެ. ސާޖިދު ބުނީ މިއީ ކުރިއަށް އޮތް މުސްތަގްބަލަށް ވިސްނައިގެން ކުރާ ވަރަށް މުހިންމުކަމެއްކަމަށެވެ. ކޯޗު ބުނީ މިމެޗްތަކުގައި މިކުޅުންތެރިން ބޭނުން ނުކުރިކަމަށްވީނަމަވެސް، ލިބޭ ފުރުސަތުގައި އެކުޅުންތެރިންނަށް ވެސް ފުރުސަތު ދޭނެކަމަށެވެ. އަދި ޚާއްސަކޮށް ސީނިއަރ ޓީމާއެކު ދަތުރުކޮށް، ތަޖްރިބާ ލިބުމަކީ ޒުވާން ކުޅުންތެރިނަށް ވަރަށް މުހިއްމުކަމެއްކަމަށް ޤައުމީ ޓީމުގެ ކޯޗް މުޙައްމަދު ސާޖިދު ބުންޏެވެ.