ޚަބަރު

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ޤާނޫނީ ބާރު !


ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް
އޮތޯރިޓީއެއް އުފެދިގެން ދިއުމުން އެ އޮތޯރިޓީއަށް ލިބިގެންދާނެ އެންމެ ބޮޑުބާރަކީ
ޤާނޫނީ އިމުގެ ތެރެއިން ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ޤައުމީ ނިޒާމް
އެކުލެވިގެން ދިއުންކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން
ހާމަކުރައްވައިފިއެވެ.
ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ސީނިއަރ ޕްރޮގްރާމް އޮފިސަރ ޢުމަރު ފިކުރީ
ވިދާޅުވީ، އާ ޤާނޫނަށް އަމަލުކުރަން ފެށުމުގެ ތައްޔާރީތައް މިހާރު ކުރިއަށްދާކަމަށެވެ.
އެގޮތުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ބަދަލުވުމަށްޓަކައި ބައެއް
ޤަވާއިދުތައް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި،
އޭގެތެރެއިން ނޭޝަނަލް އެމަޖެންސީ ޕްލޭންގެ ފުރަތަމަ ދެލިކޮޕީ އެކުލަވާލާ ފައިނަލް
ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. އަދި ޤައުމީ ފެންވަރުގައި
ކާރިސާގެ ކަންކަން ބެލެހެއްޓޭނެ ފަސް އަހަރުގެ ޕްލޭނެއް އެކުލަވާލުމުގެ އަމަލީ
މަސައްކަތްވެސް ފަށާގެންފައިވާކަމަށް ޢުމަރު ވިދާޅުވިއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު
ކުރައްވާފައި ވަނީ، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އަދި އަންނަ
އަހަރުގެ މާރޗް ހައެއްގައި އެ ޤާނޫނަށް ޢަމަލުކުރަން ފަށާނެއެވެ. އޭނާ ވިދާޅުވީ، އާ ޤާނޫނަށް ޢަމަލުކުރަން ފެށުމުން ރަށު ފެންވަރުގެ
ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީތަކެއް އުފެދިގެންދާނެކަމަށެވެ.



ކޮންމެ އަހަރެއްގެ ހޫނު މޫސުމާއި
ދިމާކޮށް ރާއްޖޭގެ ބައެއް ރަށްރަށަށް ދިމާވާ ފެން ނުލިބުމުގެ މައްސަލައަށްވެސް
އޭނާ ވާހަކަ ދެއްކެވިއެވެ. އޭނާ ވިދާޅުވީ، އެވްރެޖްކޮށް ކޮންމެ އަހަރަކު އަށްޑިހަ ރަށުން ފެނަށް ޖެހިގެން
ރިޕޯޓުކުރާކަމަށާއި، ނަމަވެސް މިއަހަރު
އެއްވެސް ރަށަކުން ފެނަށް ޖެހިގެން މިހާތަނަށް ރިޕޯޓުކޮށްފައި ނުވާކަމަށެވެ.
ނަމަވެސް 76 ރަށަކަށް ބޯފެން ފޯރުކޯށްދީފައިވާނެކަމަށް އުމަރު ފިކުރީ ވިދާޅުވިއެވެ.
ރަށްރަށުން ފެނަށް ޖެހުމުން ފެން ފޯރުކޮށްދިނުމަށްޓަކައި ހިންގާ އޮޕަރޭޝަނަށް ފަސް
މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެއެވެ.