ޚަބަރު

ވިޒިޓް މޯލްޑިވްސް އިޔަރ ޝޯއަށް ވަދެވޭނީ ފުލުހުން ޗެކްކުރުމަށްފަހު


އާ އަހަރާ ދިމާކޮށް ބާއްވާ ވިޒިޓް
މޯލްޑިވްސް އިޔަރ ޝޯވއަށް ޢާއްމުންނަށް ވަދެވޭނީ، ވަކި މިންގަނޑަކަށް
ޗެކްކުރުމަށްފަހުކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.



އާ އަހަރު ފެށޭ ދުވަސްވަރާ
ދިމާކޮށް ކޮންމެ އަހަރަކުވެސް ފުލުހުން ކުރިޔަށް ގެންދާ ޚާއްޞަ އޮޕަރޭޝަނާ
ބެހޭގޮތުން ޕީއެސްއެމްއަށް ދެއްވި އިންޓަރވިއުއެއްގައި ޗީފް އިންސްޕެކްޓަރ އޮފް
ޕޮލިސް އިސްމާޢީލް ޝަމީމް އާދަމް ވިދާޅުވީ، ޝޯވ އޮންނަ ރޭ އަލިމަސް ކާނިވަލަށް
ވަދެވޭނީ ފުލުހުންގެ ފަރާތުން ޗެކްކުރެވެން ޖެހޭ މިންގަނޑުތަކަކަށް
ޗެކްކުރެވިގެންކަމަށެވެ.



ޝަމީމް ވިދާޅުވީ، އާ އަހަރާ
ގުޅިގެން އޮޕަރޭޝަން ހިންގަވަން ފެއްޓެވިފަހުން އެހެން އަހަރުތަކާ ޚިލާފަށް
މިއަހަރު ބޮޑެތި ކުށްތަކެއް ހިނގަމުންދާ ތަން ނުފެންނަކަމަށެވެ. އަދި މި އޮޕަރޭޝަން
މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ކުރިޔަށްދާތި، މި ދުވަސްވަރު
ވަރަށް ކުށްމަދުކަން ފާހަގަކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން
ކަނޑުމަތީގެ ސަލާމަތާ ރައްކާތެރިކަމަށް ޙާއްޞަ އަހަމިއްޔަތުކަމެއް ދެއްވައިގެން
މެރިން ޕޮލިހުންވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.