ވިޔަފާރި

ކެނެރީފް އަންނަ މަހު 15 ގައި ހުޅުވަނީ: ހުޅުވާ ދުވަހުވެސް ރިސޯޓު އޮތީ ފުލްކޮށް


ކޯވިޑް-19 އާ ގުޅިގެން ބަންދު ކުރި ކެނެރީފް ރިސޯޓު އަންނަ މަހު ހުޅުވަން ތައްޔާރު ވަމުންދާ ކަމަށް އެރިސޯޓުން ބުނެފިއެވެ.

ކެނެރީފް ރިސޯޓް ފުރަތަމަ ހުޅުވަން ނިންމާފައިވަނީ މިމަހުގެ ފަހުކޮޅުއެވެ. ނަމަވެސް އެކި ސަބަބުތަކާއި ހެދި ހުޅުވުން އަނެއްކާވެސް ލަސްވެގެން ދިޔައީއެވެ. އެރިސޯޓު ހުޅުވުމަށް ބޭނުންވާ މުވައްޒަފުން ނެގުމަށްވެސް ދާދިފަހުން ވަނީ އިއުލާން ކޮށްފައެވެ.

ރިސޯޓު ހުޅުވުމުގެ މަސައްކަތް ކުރިއަށްދާ ގޮތާއި ބެހޭ ގޮތުން ޕީއެސްއެމްއަށް މަޢުލޫމާތު ދެމުން އެ ރިސޯޓުގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރ ސައިފް ޒަރީރު ވިދާޅުވީ، ރިސޯޓު މިހާރު ހުޅުވަން ނިންމާފައިވަނީ އަންނަ މަހުގެ 15 ގައި ކަމަށެވެ.
ސައިފް ވިދާޅުވީ ރިސޯޓު ހުޅުވުމަށް ސަރުކާރުގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބެމުންދާ ކަމަށެވެ. އެގޮތުން ހޯދަން ޖެހޭ ހުއްދަތައްވެސް އާންމު އުސޫލަށް ވުރެން އަވަހަށް ލިބެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކެނެރީފް ރިސޯޓުން ވިދާޅުވީ، ރިސޯޓު ހުޅުވުމަށް ކުރިން ނިންމާފައި އޮތް ތާރީޚަށް ނުހުޅުވި ދިޔައީ ރިސޯޓަށް ބޭނުންވާ ސާމާނު ލިބުން ލަސްވުމުން ކަމަށެވެ. އެގޮތުން ރިސޯޓުގެ އާރްއޯ ޕްލާންޓަށް ބޭނުންވާ ތަކެތި ގެންނަން ޖެހެނީ ސީދާ އެމެރިކާއިން ކަމުން ޝިޕިންގް ޑިލޭތަކެއް އައިސްފައިވާ ކަމަށް ކެނެރީފުން ހާމަ ކުރެއެވެ.

ކެނެރީފް އަކީ އައްޑޫގައި އޮތް އެންމެ ބޮޑު ރިސޯޓެވެ. މި ރިސޯޓުގައި 271 ކޮޓަރި ހުންނަ އިރު، ރިސޯޓު ފުރަތަމަ ހުޅުވަނީ 142 ކޮޓަރި އޮޕަރޭޝަނަށް ގެނެސްގެންނެވެ. ރިސޯޓު ހުޅުވުމަށްޓަކައި މިހާރުވެސް އޮޕަރޭޝަނަށް ގެންނަ 142 ކޮޓަރީގެ ތެރެއިން 140 ކޮޓަރި ރިސޯޓު ލައިފް ކުންފުނިން ގަނެފައިވާ ކަމަށް ކެނެރީފުން ބުނެއެވެ. އެހެން ކަމުން ރިސޯޓު އޮޕަރޭޝަންވެސް ފަށާނީ ފުލް އޮކިއުޕެންސީއެއްގައި ކަމަށް އެ ރިސޯޓުން ހާމަ ކުރެއެވެ.

ސައިފް ވިދާޅުވި ގޮތުގައި ރިސޯޓުން މަސައްކަތް ކުރަމުންދަނީ ބާކީ ހުރި ކޮޓަރިތައްވެސް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރ ނިމުމުގެ ކުރިން ނިންމައި އޮޕަރޭޝަނަށް ގެނައުމަށެވެ. މިއާއެކު މިއީ 2014 ވަނަ އަހަރުގެ ފަހުން ރިސޯޓުގެ ހުރިހާ ކޮޓަރިއެއް އޮޕަރޭޝަނަށް ގެނެވޭ ފުރަތަމަ ފަހަރު ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ގިނަ ރިސޯޓުތައް މިފަހަރުގެ ޕީކް ސީޒަނާއި އެކު ފުލްވެފައިވާއިރު، އައްޑޫގެ ގިނަ ރައްޔިތުންގެ ކަންބޮޑުވުމަކީ އައްޑޫގައި ބަންދުކުރި ރިސޯޓުތައް ނުހުޅުވި ލަސްވުމެެވެ. އަދި މިއީ އައްޑޫގެ ފަތުރުވެރިކަން ކޮޅަށް ޖެހުމަށް މުހިންމު ހަރުފަތެއް ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ.