މިފްކޯގެ ތާރީޚުގައިވެސް އެންމެ ގިނަ މަސް ކިރާނީ މި ޑިސެމްބަރމަހު ކަމަށް މިފްކޯއިން އަންދާޒާކޮށްފިއެވެ. މިފްކޯއިން މިގޮތަށް އަންދާޒާކޮށްފައިވަނީ ރާއްޖޭގެ މަސްވެރިކަން މިހާރު ރަނގަޅުވެ އެ ކުންފުންޏަށް ކިރާ މަހުގެ އަދަދު އިތުރުވެފައިވާތީއެވެ.
2020 ވަނަ އަހަރު މިފްކޯއިން ގަނެފައިވަނީ 49،392 ޓަނުގެ މަހެވެ. ނަމަވެސް މިއަހަރުގެ މިހާތަނަށް 56،198 ޓަނުގެ މަސް ވަނީ މިފްކޯއަށް ކިރާފައެވެ. މި ޑިސެމްބަރ މަހުގެ މިހާތަނަށް މިފްކޯއަށް 8796 ޓަނުގެ މަސް ކިރާފައިވާ ކަމަށް މިފްކޯގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މިފްކޯއިން ބުނީ މި ޑިސެމްބަރ މަހަކީ މިފްކޯގެ ތާރީޚުގައި މަހެއްގެ މައްޗަށް އެންމެ ގިނައިން މަސްލިބޭނެ މަސްކަމަށެވެ. އެގޮތުން މިޑިސެމްބަރ ނިމޭއިރު 10،500 ޓަނު މަސްގަނެވޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށް މިފްކޯއިން ބުނެއެވެ.
މިފްކޯއަށް ލިބޭ މަހުގެ އަދަދު އިތުރުވެ މިހާރު ދޯންޏަކުން 5 ޓަނުގެ މަސް ކިރާގޮތައް މިފްކޯއިން ވަނީ ހަމަޖައްސާފައެވެ. މިފްކޯއިން ބުނީ ރަނގަޅު މަސްވެރި މޫސުމުގައި ދިމާވަމުންދާ މަސްކިރުމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރާއިއެކު ކެނޑިނޭޅި މަސައްކަތްކުރަމުންދާކަމަށެވެ.
މި ސަރުކާރުން ވަނީ މަސްގަތުމުގައި ހުރި ދަތިތަކަށް ހައްލު ހޯދުމުގެ ގޮތުން ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ފެލިވަރުގައި މިވަގުތު ހުރީ 500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެކެވެ. ފެލިވަރު އެކްސްޕެންޝަން ޕްރޮޖެކްޓް ނިމިގެންދާއިރު 4000 މެޓްރިކް ޓަނުގެ (މިހާރު ހުރި ކެޕޭސިޓީގެ 8 ގުނަ އިތުރު) އާ ކޯލްޑް ސްޓޯރޭޖެއް ފެލިވަރުގައި ޤާއިމުކުރެވޭނެއެވެ. މިވަގުތު ކުރިޔަށްދަނީ ފެލިވަރުގައި އަލަށް ޤާއިމުކުރާ ކޯލްޑް ސްޓޯރޭޖްތައް ބިނާކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްތަކެވެ.
މީގެ އިތުރުން ކޫއްޑޫ އާއި ކަނޑުއޮތްގިރި ފެސިލިޓީ ތަރައްޤީކުރުމުގެ މަޝްރޫއުވެސް ކުރިޔަށްދެއެވެ. އަދި ގދ. ތިނަދޫ އާއި މ.މުލަކުގައި އާ ކޯލްޑް ސްޓޯރޭޖް ފެސިލިޓީތައް ޤާއިމުކުރުމުގެ މަސައްކަތްތައްވެސް ކުރިޔަށްދާކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުގެ ސިޔާސަތަކީ މަސްވެރިންގެ އަތުން މަސް ގަތުމަށްފަހު މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވަގުތުން ދެވޭނެ އިންތިޒާމު ހަމަޖެއްސުން ނުވަތަ ގިނަވެގެން އެއް ހަފްތާގެ ތެރޭގައި މަސްވެރިންނަށް ފައިސާ ހަވާލުކުރުމެވެ.
މި ސިޔާސަތުގެ ދަށުން މިސަރުކާރުން މިފްކޯ ހިންގުމާ ހަވާލުވިއިރު މަސްވެރިންގެ އަތުން މަސްގަނެ މަސްވެރިންނަށް މިފްކޯއިން ދޭންޖެހިފައިވާ 39.5 މިލިއަން ރުފިޔާ މަސްވެރިންނަށްދީވަނީ ޚަލާސްކޮށްފައެވެ. މިފްކޯއިން ބުނީ ކޮންމެ ހަފްތާއެއް ނިމުމުން އެ ހަފްތާއަށްވާ ފައިސާ މިފްކޯއިން މިހާރު މަސްވެރިންނަށް ދެމުންދާކަމަށެވެ. މަސްވެރިންނަށް މިއަހަރުގެ މިހާތަނަށް 979 މިލިއަން ރުފިޔާ މިފްކޯއިން ވަނީ ދީފައެވެ.