ޚަބަރު

ޤައުމީ އެޕެރެންޓިސްޝިޕް ޕްރޮގްރާމުގެ ފުރުސަތާއެކު ލާމަސީލު ޒުވާނާ ކޭމްޕް އައްޑޫގައި ފަށައިފި


ފުލުހުންނާއި ޔޫތު މިނިސްޓްރީ، އަދި އައްޑޫސިޓީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ލާމަސީލު ޒުވާނާ ކޭމްޕް އައްޑޫ ސިޓީގައި ފަށައިފިއެވެ. މިކޭމްޕް ފަށާފައިވަނީ އާދީއްތަ ދުވަހު ހިތަދޫ ޝަރަފުއްދީން ސްކޫލުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައެވެ.

14 ދުވަހުގެ މުއްދަތަށް އައްޑޫ ސިޓީ ހައި ސްކޫލުގައި ކުރިއަށްދާ މި ކޭމްޕުގައި ޖުމްލަ 91 ޒުވާނުން ބައިވެރިވެފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ 43 އަންހެނުންނާއި، 48 ފިރިހެން ބައިވެރިންނެވެ. މިކޭމްޕުގައި މާލެ އާއި ހުވަދޫ އަތޮޅާއި ފުވައްމުލަކު ސިޓީން ޒުވާނުން ބައިވެރިވި ކަމަށް ފުލުހުން ވިދާޅުވެއެވެ.

އުމުރުން 18 އަހަރުން މަތީގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ކޭމްޕަކީ ޒުވާނުންނަކީ ޒިންމާދާރު ހަރުދަނާ ސިފަވަންތަ، ޤައުމިއްޔަތާއި ދީނަށް ލޯބިކުރާ، މަސައްކަތު މާޙައުލަށް ޝައުޤުވެރި، މަސައްކަތުގެ އަޚުލާގު ދަމަހައްޓާ، ނަމޫނާ ބަޔަކަށް ހެދުމުގެ މަގުޞަދުގައި ކުރިއަށް ގެންދާ ކޭމްޕެކެވެ.

މިކޭމްޕް ހުޅުވުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހުސެއިން އިސްމާޢީލް ވިދާޅުވީ، ޒުވާނުން ބިނާކުރުމަކީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ތެރެއިން ވަރަށް އިސްކަމެއް ދީގެން ކުރިއަށް ގެންދާ ކަމެއް ކަމަށެވެ. އަދި މި ކޭމްޕްގެ ތެރެއިން ގިނަ ކަންކަން ދަސްވެގެން ދާއިރުވެސް، ކޭމްޕް ނިމުމުންވެސް އިތުރު ފުރުސަތުތަކެއް ބައިވެރިންނަށް ހޯދައިދެވޭނެ ކަމަށާއި އެގޮތުން ނޭޝަނަލް އެޕެރެންޓިސްޝިޕް ޕްރޮގްރާމުގެ ތެރެއިން ސްކިލް ޑިވެލޮޕް ކުރުމާއި، އަދި ވަޒީފާގެ ފުރުސަތުތަކަށް މަގުފަހިކޮށްދެވޭނެ ކަމަށް ހުސެއިން އިސްމާޢީލް ވިދާޅުވިއެވެ.

މިކޭމްޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވީ، މިކޭމްޕް ނިމިގެންދާއިރު ހަރުދަނާ ޤާބިލް އަދި މުޖްތަމަޢަށް ބޭނުންތެރި ޒުވާނުންނަށް ބައިވެރިން ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި މިކޭމްޕުގެ ސަބަބުންވެސް ސަރުކާރުން ޒުވާނުން ބިނާ ކުރުމަށް ދެއްވާ އިސްކަން ފާހަގަ ވެގެންދާ ކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.

މި ކޭމްޕް ފުރިހަމަކުރާ ބައިވެރިންނަށް ކޭމްޕް ފުރިހަމަކުރި ކަމުގެ ލިޔުމުގެ އިތުރުން ކޭމްޕުގެ ތެރެއިން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން ފަޔަރ ސޭފްޓީ އާއި ބޭސިކް ހައުސް ވަޔަރިންގ އަދި ފަސްޓް އެއިޑް ފުރިހަމަ ކުރިކަމުގެ ލިޔުންވެސް ދިނުމަށްވަނީ ހަމަޖެހިފައެވެ.