އައްޑޫ ސިޓީ ހިތަދޫ ގޭދޮށު މަސްޕްލާންޓު ހަދަން ހަވާލުކުރި ކުންފުނީގެ އެއްބަސްވުން ބާތިލުކޮށް އެހެން ބަޔަކާއި އެ މަސައްކަތް ހަވާލުކޮށްފިއެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫ ސިޓީގައި ގޭ ދޮށު 3 މަސް ޕްލާންޓް ހެދުމަށް ވަނީ ނިންމާފައެވެ. މި ޕްލާންޓްތަކުގެ ތެރެއިން ހިތަދޫ މަސް ޕްލާންޓްގެ މަސައްކަތް ހަވާލުކުރީ އެލްނާތު މޯލްޑިވްސް އާއެވެ. 6 މިލިއަން ރުފިޔާ ހަރަދުވާ މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރީ 280 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެހެންނަމަވެސް އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ކުރިޔަށް ނުގޮސް ހުއްޓިފައި އޮތުމުން ކައުންސިލުން ވަނީ އެއްބަސްވުން ބާތިލުކޮށްފައެވެ.
މި މަސައްކަތް އަލުން ހަވާލުކޮށްފައި ވަނީ ސީބޮޓްސް ޕްރައިވެޓް ލިމިޓެޑާއެވެ. އަލުން އެކުލަވާލި އެއްބަސްވުމުގެ ދަށުން 6 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހެއެވެ. މިމަޝްރޫގެ ޖުމްލަ އަގަކީ 14.4 މިލިއަން ރުފިއެވެ. އޭގެތެރެއިން 5.8 މިލިއަން ރުފިޔާ ޙަރަދުކުރާނީ އިންޑިއާ ސަރުކާރުންނެވެ. އަދި ސީބޮޓްސް ކުންފުނިން މިމަޝްރޫޢަށް 8.7 މިލިއަން ރުފިޔާ އިންވެސްޓު ކުރާނެ ކަމަށް އައްޑޫސިޓީ ކައުންސިލުން ވިދާޅުވެއެވެ.
އައްޑޫގައި ޤާޢިމު ކުރާ ގޭދޮށު މަސް ޕްލާންޓްތަކުގައި 20 ޓަނުގެ އައިސް އުފައްދައި 10 ޓަނުގެ މަސް ރައްކާކުރެވޭނެއެވެ. އަދި މިމަސް ޕްލާންޓުތަކުގެ ސަބަބުން 400 ޓަނާއި 800 ޓަނާ ދެމެދުގެ ޢަދަދަކަށް މަސް ގަނެ ޕްރޮސެސް ކުރުމަށް މަގުފަހިވެގެން ދާނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އައްޑޫގައި ހަދާ ގޭ ދޮށު މަސްޕްލާންޓްތައް ޤާއިމުކުރާނީ ހިތަދޫގެ އިތުރުން މަރަދޫއާއި ހުޅުމީދޫގައެވެ.