ޚަބަރު

ކޯވިޑްގައި އިތުރު މީހަކު ނިޔާވެއްޖެ


އައްޑޫ ސިޓީ ކޯވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ ޢުމުރުން 82 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ އައްޑޫ ސިޓީ ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް މިމީހާ ނިޔާވީ ރޭ މެންދަމު 2:30 ގައިކަމަށެވެ. މިއީ މިބަލީގައި ރާއްޖެއިން ނިޔާވި 262ވަނަ މީހާއެވެ.

ކޯވިޑް ބަލީގައި އެންމެ ފަހުން ރާއްޖެއިން މީހަކު ނިޔާވީ މިދިޔަ މަހުގެ 28ވަނަ ދުވަހުއެވެ. ކޯވިޑް-19ގެ ގިނަ ކޭސްތައް މިހާރު ފެންނަމުންދާއިރު، ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ނިސްބަތްވެސް ވަނީ އިތުރުވެފައެވެ.

މިވަގުތު 2،609 މީހަކު ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން 12 މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ.