އަތޮޅުތައް

ފައިނުގައި ހަދާ ބަނދަރަށް 100 ފޫޓު އިތުރުކުރަނީ


މާޅޮސްމަޑުލު އުތުރުބުރީ ފައިނުގައި ހަދާ ބަނދަރަށް 100 ފޫޓު އިތުރުކޮށް، ބަނދަރު ބޮޑުކުރަން ނިންމަވާފައިވާކަމަށް އެ ރަށު ކައުންސިލުން ހާމަކުރައްވައިފިއެވެ.މި މަޝްރޫއުގެ ދަށުން ފައިނުގައި 400 ދިގު ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ. ފައިނަކީ ރ.އަތޮޅުގައި މިހާތަނަށް ލަފާފުރުމަށް އެކަށީގެންވާ ބަނދަރެއް ހެދިފައިނުވާ ހަމައެކަނި ރަށެވެ. ބިމުގެގޮތުން ބަލާއިރު ރ.އަތޮޅުގައި މީހުން ދިރިއުޅޭ އެންމެ ބިންބޮޑު ރަށްވެސްމެއެވެ. ފަންސާސް ހެކްޓަރަށްވުރެ ބޮޑު ބިމެއް އޮތް ފައިނުގެ ބިމުގެ ބޮޑުބައެއް ބޭނުންކުރަނީ ދަނޑުވެރިކަމުގެ މަސައްކަތްތަކަށެވެ. ނަމަވެސް، ދަނޑުވެރިކަމުގެ އެންމެ ފުރިހަމަ ނަފާ ހޯދުމަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ އެތަކެތި މާކެޓަށް ނެރެވޭނެ ފުރުޞަތު ކުޑަވުންކަމަށް ފައިނު ކައުންސިލުން ވިދާޅުވެއެވެ. މީގެ އިތުރުން، ފަޅުގެ ދަތިކަމަކީ ފައިނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުންކަން އެ ރަށު ދަނޑުވެރިންގެ އިތުރުން ރަށު ކައުންސިލުންވެސް ފާހަގަކުރައްވައެވެ.ފަނުގައި 300 ފޫޓުގެ ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާއި ހަވާލުކުރައްވައިގެން މިދިޔަ އަހަރުވަނީ ފައްޓަވާފައިވެއެވެ. ނަމަވެސް، ރަށުގެ ރައްޔިތުންގެ އެދުމުގެ މަތިން، ފަޅު އިތުރަށް ބޮޑު ކުރުމަށްވަނީ ސަރުކާރުން މިހާރު ވަނީ ނިންމަވާފައެވެ. އަދި، 100 ފޫޓު އިތުރުކޮށް، ޖުމްލަ 400 ފޫޓަށްވުރެ ދިގު ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް ފައްޓަވާފައިވާކަމަށް ފައިނު ކައުންސިލުން ވިދާޅުވެއެވެ. ފައިނުގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްޤީ ކުރެވިގެން ދިޔުން މިއީ، ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ބަލައިގަންނަ ކަމެކެވެ. މި މަޝްރޫއުގެ ދަށުން ފައިނުގެ ބަނދަރު އިތުރަށް ފުރިހަމަ ވެގެންދާނެކަން ފައިނު ކައުންސިލުގެ ރައީސް ޢަބްދުލް ނާޞިރު ފާހަގަކުރައްވައެވެ.އެމް.ޓީ.ސީ.ސީ.ން ފައިނުގައި ތަރައްޤީ ކުރައްވާ ބަނދަރުގެ މަސައްކަތް މިއަހަރު ނިންމާލުމަށް މަސައްކަތް ކުރާއިރު، ރ.އަތޮޅުގެ ރަށްރަށުގައި ހަދާފައިވާ ބަނދަރުތަކުން، ތިލަވެފައިވާ ތަންތަން ފުންކުރުމުގެ މަސައްކަތް މިހާރުވެސްދަނީ ހައުސިންގ މިނިސްޓަރީގެ ބެއްލެވުމުގެ ދަށުންކުރަމުންނެވެ.