ޚަބަރު

ރާއްޖޭގައި ޖަޕާނުގެ އެންބަސީއެއް ހުޅުވައިފި


ރާއްޖޭގައި ޖަޕާނުގެ އެންބަސީއެއް ހުޅުވިގެން ދިޔުމަކީ، ދެ ޤައުމުގެ ގުޅުން ބަދަހިވުމަށް އެޅުނު ފިޔަވަޅެއްގެ އިތުރުން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގެ ސިޔާސަތުތައް ބައިނަލްއަޤްވާމީ މުޖުތަމައުން ބަލައިގަންނަކަމުގެ ހެއްކެއްކަމަށް ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.ދުންޔާ މިހެން ވިދާޅުވީ ޖަޕާނުގެ ރެޒިޑެންޓް އެންބަސީއެއް ރާއްޖޭގައި ހުޅުވުމުން އެކަމަށް ދިވެހި ސަރުކާރުން ޖަޕާނުގެ ސަރުކާރާއި ރައްޔިތުންނަށް މަރުޙަބާ ދަންނަވާ ނެރުއްވި ބަޔާނެއްގައެވެ. ޚާރިޖީ ވުޒާރާގެ ބަޔާނުގައި ރާއްޖޭގައި ޖަޕާނުގެ އެންބަސީއެއް ހުޅުވިގެން ދިއުމަކީ ދެޤައުމުގެ މެދުގައި އެކި ދާއިރާތަކުން އިތުރަށްގުޅުން ބަދަހިކޮށް ހަރުދަނާ ކުރުމަށް އެޅުނު ބިންގަލެއްގެ ގޮތުގައި ސަރުކާރުން ދެކިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ. ދެހާސް ސާދަވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ، ޖާޕާނަށް ކުރެއްވި ދަތުރުފުޅުގައި، ރާއްޖެއާއި ޖަޕާނުގެ ގުޅުން އިތުރަށް ބަދަހި ކުރެވޭނެ ގޮތްތަކާއި ބެހޭ ގޮތުން ދެ ޤައުމުގެ މެދުގައިވަނީ މަޝްވަރާ ކުރައްވާފައެވެ. ރާއްޖެއާއި ޖަޕާނުން ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ 1967ވަނަ އަހަރުއެވެ.