ޚަބަރު

ރެކޯޑު ޢަދަދެއް! އިތުރު 337 މީހަކު ކޯވިޑަށް ޕޮޒިޓިވް


ރާއްޖެއިން މިއަދު ރެކޯޑް ޢަދަދަކަށް ކޯވިޑަށް މީހުން ޕޮޒިޓވް ވެއްޖެއެވެ. މިއަދު 337 މީހުން ރާއްޖެއިންވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މިވަނީ 97660އަށްވުރެ މައްޗަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން އެންމެފަހުން ޢާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އަލަށް ކޯވިޑަށް ޕޮޒިޓިވްވި 337 މީހުންގެ ތެރެއިން ގިނައީ މާލެ ސަރަހައްދުން ބައްޔަށް ޕޮޒިޓިވްވީ މީހުންނެވެ. އެގޮތުން މާލެ ސަރައްހައްދުން 101 މީހުންވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. ރަށްރަށުން ބައްޔަށް ޕޮޒިޓިވްވެފައިވަނީ 129 މީހުންނެވެ. އަދި ރިސޯޓްތަކުން 99 މީހެއްވަނީ ޕޮޒިޓިވްވެފައެވެ. އަދި ސަފާރީތަކުންވަނީ 2 މީހަކު ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ އަދަދު މިވަނީ 97،668އަށް އަރާފައެވެ.

އަލަށް ކޯވިޑް ޖެހުނު މީހުންނާއެކު ބަލީގައި ފަރުވާ ހޯދާ މީހުންގެ ޢަދަދުވެސް މިހާރުވަނީ އިތުރުވާން ފަށާފައެވެ. މިވަގުތު 3300 މީހަކު ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން 15 މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 123 މީހުންވަނީ މި ބަލިން ރަނގަޅުވެފައެވެ. މިހާތަނަށް ޖުމުލަ 94091 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 5،361 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. ރާއްޖެއިން މި ބަލީގައި މިހާތަނަށް 264 މީހަކު ވަނީ ނިޔާވެފައެވެ.

ކޯވިޑްގެ އައު ވޭރިއަންޓެއް ކަމަށްވާ އޮމިކްރޯން ފެތުރެމުން އަންނާތީ މިދުވަސްވަރު ޗުއްޓީއާއި އެކި ތަންތަނަށް ދަތުރުކުރާ ފަރާތްތަކުން ބަލިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކަށް ސަމާލުވުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ.