މިދިޔަ އަހަރު ރާއްޖޭގެ ދައުލަތު ރަސްމީ ރިޒާވް ހުރީ އެވްރެޖްކޮށް ރިޒާވް ހުންނަ މިންވަރަށްވުރެ އިތުރަށްކަމަށް މާލީ ހިސާބުތަކުން ދައްކައިފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ މާލީ ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ދައުލަތުގެ ރިޒާވް ނުވަތަ ޔޫޒަބަލް ރިޒާވް އެވްރެޖްކޮށް ހުރީ 800 މިލިއަން ޑޮލަރަށް ވުރެ މަތީގައެވެ. މިއީ އާއްމުކޮށް ޔޫޒަބަލް ރިޒާވް ހުންނަ މިންވަރަށް ވުރެ އިތުރު މިންވަރެކެވެ. އަދި މިއީ އޭގެކުރީ 2019 ވަނަ އަހަރުގެ ޑިސެމްބަރުމަހު ދައުލަތުގެ ރިޒާވްގައި ހުރި 753 މިލިއަން ޑޮލަރާއި އަޅާބަލާއިރުވެސް އިތުރު އަދަދެކެވެ.
ދައުލަތުގެ ރިޒާވަކީ ރާއްޖެއަށް ލިބޭ އާމްދަނީއާއި އަދި އެހެނިހެން އިޤްތިޞާދީ ހަރަކާތްތަކުގެ މައްޗަށް ބިނާވެފައި އޮންނަ އެއްޗެކެެވެ. ފާއިތުވި 3 އަހަރަށް ބަލާއިރުވެސް ދައުލަތުގެ ރަސްމީ ރިޒާވް އެވްރޭޖު ގޮތެއްގައި ދިޔައީ އިތުރުވަމުންނެވެ. އަދި ކޯވިޑު ހާލަތުގައިވެސް ރަސްމީ ރިޒާވު ވަކި މިންވަރެއްގައި ހިފެހެއްޓުމަށް ސަރުކާރުން ވަނީ ގިނަ މަސައްކަތަކެއް ކޮށްފައެވެ.
މިއަހަރުގެ ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރވެސް މިދިޔަ ދެ އަހަރުވެސް ދައުލަތުގެ ރިޒާވް ރެކޯޑު މިންވަރަކަށް އިތުރުވެފައިވާކަން ފާހަގަކޮށްފައެވެ. އެގޮތުން ކޯވިޑުގެ ތެރޭގައި އިމްޕޯޓު ދަށްވެގެން ދިޔަނަމަވެސް 2020 ވަނަ އަހަރު ނިންމާލިއިރު ދައުލަތުގެ ރަސްމީ ރިޒާވު 984 މިލިއަނަށް އިތުރުވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިއީ އިމްޕޯޓު ދައްވެގެން ދިޔައިރު އިޤްތިޞާދަށް އަތުވެދާނެ ލޮޅުމަކަށް ތައްޔާރުވުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ލިބުނު ކުރިއެރުމެއްކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ. މީގެއިތުރުން ދައުލަތުގެ ރިޒާވް މިދިޔަ ސެޕްޓެމްބަރުމަހު ވަނީ ރެކޯޑް އަދަދަކަށް އިތުރުވެފައެވެ. އެގޮތުން ސެޕްޓެމްބަރުމަހު ދައުލަތުގެ ރިޒާވްގައި 1.02 ބިލިއަން ޑޮލަރު ހުރިކަމަށް މާލީ ހިސާބުތަކުން ދައްކައެވެ. މިއީ ފާއިތުވި އަހަރުތަކާއި ބަލާއިރު ރިޒާވް އެންމެ މަތިވެފައިވާ މިންވަރެވެ.
ރާއްޖޭގެ ފަތުރުވެރިކަން ކުރިއެކޭ އެއްގޮތަށް އަނެއްކާވެސް ކުރިއަރަމުންދާއިރު، މިއަހަރު ރާއްޖޭގެ ރިޒާވަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަމަށް މާލީ އިދާރާތަކުން ލަފާކުރެއެވެ. އެގޮތުން ރާއްޖެ ޒިޔާޔަރްކުރަން ބޭނުންވާ ފަރާތްތަކުން އެޑްވާންސްކޮށް އެތައް ސަތޭކަ ހާސް ބުކިންތަކެއް ހައްދަމުންދާއިރު، ރާއްޖޭގެ ރިޒާވް އިތުރަށް ދަށަށް ނުގޮސް، ކުރިއަރަމުންދާނޭކަމަށް މި ހިސާބުތަކަށް ރިޔާއަތްކޮށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.
އިޤްތިޞާދީ ތަޖުރިބާކާރުންގެ އިތުރުން ވޯލްޑް ބޭންކްއާއި އައިއެމްއެފްއިން ވަނީ ރާއްޖޭގެ އިޤްތިޞާދަކީ ކޯވިޑަށްފަހު ޤައުމުގެ ނިސްބަތުން އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް އިޤްތިޞާދުކަން ފާހަގަކޮށްފައެވެ. މީގެ އެއް ސަަބަބަކީ ރާއްޖޭގެ އިޤްތިޞާދުގެ މައި ހަރަކާތް ކަމަށްވާ ފަތުރުވެރިކަން ބޮޑުތަނުން އިޔާދަވުންކަމަށް މާލީ އިދާރާތަކުން ބުނެއެވެ.
އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ވަނީ 2022 ވަނަ އަހަރު އޭޝިއާ ސަރަހައްދުން އިޤްތިސާދު ކުރިއަރާނެ ޤައުމުތަކާއި މިންވަރު އަންދާޒާކޮށްފައެވެ. މި ލިސްޓުގައި ރާއްޖެ ހިމެނެނީ އިޤްތިސާދު އެންމެ އަވަހަށް ކުރިއަރާނެ 2 ވަނަ ޤައުމުގެ ގޮތުގައެވެ. އެއީ %13.21 އާއިއެކުގައެވެ. ރާއްޖެއާއި އަވަށްޓެރި އެހެން ބައެއް ޤައުމުތައް އުޅެނީ މި ލިސްޓުގައި ރާއްޖެއަށްވުރެ ފަހަތުގައެވެ.
ކޯވިޑަށްފަހު އެންމެ ބާރަށް ކުރިއަރަމުންއަންނަ އިޤްތިސާދުގެ ތެރޭގައި ރާއްޖެ ހިމެނޭއިރު މުޅި ދުނިޔެއިންވެސް އެންމެ ފުރަތަމަ ފަތުރުވެރިންނަށް ޤައުމު ހުޅުވާލާ ރައްކާތެރިކަމާއިއެކު ފަތުރުވެރިކަން ކުރަމުން އަންނަ ނަމޫނާ ޤައުމަކަށް ރާއްޖެ ވަނީ ވެފައެވެ. އަދި މިހާރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ހުރީ ކޯވިޑް19ގެ ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑަށްވެސް އިތުރުވެފައެވެ. އަދި މިކަމުގެ ސަބަބުން ރާއްޖެއަށް މިހާރު ލިބެމުންދާ އާމްދަނީވެސް ދަނީ ވަރަށް ބޮޑަށް އިތުރުވަމުންކަމަށް މާލީ ހިސާބުތަކުން ދައްކައެވެ.