ޚަބަރު

އިތުރު 25 ރަށެއްގެ މައްސަލައިގައި އަދީބުގެ މައްޗަށް ދައުވާކުރަނީ


ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެމް.އެމް.ޕީ.އާރު.ސީން 25 ރަށެއް ދޫކުރިކަމުގެ ތުހުމަތުގައި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބުގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުއްވައިފިއެވެ.މީގެ ކުރިންވެސް 25 ރަށެއްގެ މައްސަލައިގައި އަދީބުގެ މައްޗަށް ދަޢުވާކުރެއްވުމަށް ފުލުހުން، ޕީ.ޖީ އޮފީހަށް ހުށައްޅުއްވާފައިވެއެވެ. ޕީ.ޖީ އޮފީހުން ވިދާޅުވީ، އެމައްސަލަތަށް ދިރާސާކުރައްވަމުން ގެންދަވާކަމަށެވެ. އަދީބުގެ މައްޗަށް ކޮރަޕްޝަންގެ މައްސަލަތަކެއްގައި ދަޢުވާކުރެއްވުމަށް ފުލުހުން ހުށައަޅުއްވާފައިވާއިރު، އޭނާއާއި ގާތް ގުޅުމެއް އޮންނަ މ. ޝޫރާ މަންޒިލް ޙާމިދު އިސްމާޢީލްގެ މައްޗަށް މަނީލޯންޑްރިންގެ ކުށުގެ ތުހުމަތުގައި ދަޢުވާ ކުރެއްވުމަށް ޕްރޮސިކޮއުޓަރ ޖެނަރަލްގެ އޮފީހުން މިއަދު ކްރިމިނަލް ކޯޓަށް ހުށައްޅުއްވާފައިވެއެވެ.މިއީ މަނީ ލޯންޑްރިންގެ ޤާނޫނު ދަށުން މީހެއްގެ މައްޗަށް ދައުވާކުރާ ފުރަތަމަ ފަހަރެވެ. ފުލުހުން ޙާމިދު ހައްޔަރުކުރައްވާފައިވަނީ އެމް.އެމް.ޕީ.އާރް.ސީން ރަށްތަކެއް ވިއްކައިގެން ލިބެންޖެހޭ ފައިސާއަށް ޚިޔާނަތްތެރިވި މައްސަލާގައެވެ.