ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެެއިން މަސައްކަތް ނުހިނގާ 9 ކުންފުންޏެއް އުވާލުމުގެ މަރުހަލާގައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީން އުވާލުމަށް މަސައްކަތް ކުރާ ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ 2016 ވަނަ އަހަރު އުވާލުމަށް ނިންމި 6 ކުންފުންޏަކާއި، 2018 ވަނަ އަހަރު އުވާލުމަށް ނިންމި 1 ކުންފުންޏަކާއި އަދި 2019 ވަނަ އަހަރު އުވާލުމަށް ނިންމި 2 ކުންފުންޏެކެވެ.
އުވާލުމަށް ނިންމާފައިވާ ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ލިމިޓެޑާއި، ފެލިވަރު ފިޝަރީޒް މޯލްޑިވްސް ލިމިޓެޑާއި، ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑާއި، މަޑިވަރު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއި، ގޭން އެއަރޕޯޓް ކޮންޕެނީ ލިމިޓެޑްއެވެ.
މީގެއިތުރުން ވޯކްސް ކޯޕަރޭޝަން ލިމިޓެޑާއި، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއާއި ހަޒާނާ މޯލްޑިވްސް ލިމިޓެޑްގެ އިތުރުން ނޭޝަނަލް އިންވެސްޓްމަންޓް މެނޭޖްމަންޓް ކޯޕަރޭޝަންވެސް އުވާލުމަށް ފިނޭންސް މިނިސްޓްރީން ވަނީ ނިންމާފައެވެ.
މި ކުންފުނިތައް އުވާލާއިރު އެކުންފުނިތަކުގެ މަސައްކަތް އެހެން ކުންފުނިތަކަށް ނުވަތަ މުއައްސަސާތަކަށް ވަނީ ބަދަލުކޮށްފައެވެ.