އިކޮނޮމިކް މިނިސްޓްރީން ފޯރުކޮށްދޭ ޚިދުމަތްތައް ހޯދުމަށް އާންމުންނަށް ފަސޭހަ ކޮށްދިނުމަށް "1500 ހެލްޕް"ގެ ނަމުގައި ސަރވިސް ސެންޓަރެއް ހުޅުވައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މިއީ އާންމުންނަށް ބޭނުންވާ ގިނަ ޚިދުމަތްތަކެއް ހޯދުމަށް ފަސޭހަކޮށްދިނުމަށް ހުޅުވި ސެންޓަރެއް ކަމަށެވެ.
މިތަން ހުންނާނީ މާލޭ ބޮޑުތަކުރުފާނު މަގުގައި ހުންނަ އެމްޓީސީސީ ހުޅުމާލެ ފެރީ ޓާމިނަލް އިމާރާތުގައެވެ. މި ސަރވިސް ސެންޓަރު ހުޅުވައިފައި ހުންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.
މި ސަރވިސް ސެންޓަރުން އިކޮނޮމިކް މިނިސްޓްރީގެ ޚިދުމަތްތަކާ ބެހޭގޮތުން މަޢުލޫމާތު ސާފުކޮށްދިނުމާއި މިނިސްޓްރީގެ ޚިދުމަތްތަކަށް އެދި އޮންލައިން ކޮށް ހުށަހަޅާފައިވާ އެޕްލިކޭޝަނެއް ޕްރޮސެސްވުމުގައި ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މީގެ އިތުރުން މިފަދަ އެޕްލިކޭޝަންތައް އޮންލައިންކޮށް ހުށަހެޅުމަށް ވެސް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.