ވިޔަފާރި

ރާއްޖެއަށް މިއަހަރު ބޭނޭނީ 47000 ޓަނުގެ ރީނދޫ އުރަހަ ކަންނެލި: އައިއޯޓީސީ


އިންޑިއާ ކަނޑުގެ ސަރަހައްދުގައި މިއަހަރު ރާއްޖެއަށް ރީނދޫ އުރަހަ ކަންނެލި ބޭނޭނެ އެންމެ ގިނަ މިންވަރަކީ 47،195 ޓަން ކަމަށް އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނުން ބުނެފިއެވެ.

އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ)ން އަހަރު ފެށުނުއިރު، މިންގަނޑުތައް ކަނޑައަޅާފައިވާއިރު މިއީ 2020 ވަނަ އަހަރު ރާއްޖެއިން ރީނދޫ އުރަހަ ކަންނެލި ބޭނި މިންވަރަށް ރިއާޔަތްކޮށް ކަނޑައަޅާފައިވާ މިންގަނޑެކެވެ. އައިއޯޓީސީން ރާއްޖެއަށް ބޭނޭނެ ކަމަށް ކަނޑައަޅާފައިވަނީ ޖުމްލަ 47،195 ޓަނުގެ ރީނދޫ އުރަހަ ކަންނެލިއެވެ. މިއީ ޔޫރަޕުގެ އިއްތިހާދު ފިޔަވައި ވަކި ޤައުމަކަށް އެންމެ ގިނައިން ރީނދޫ އުރަހަ ކަންނެލި ބޭނުމަށް އައިއޯޓީސީން ހުއްދަ ދީފައިވާ މިންވަރެވެ.

އައިއޯޓީސީގެ ތަފާސް ހިސާބުތައް 2020 ވަނަ އަހަރަށް ރިއާޔަތްކޮށް ކަނޑައަޅާފައިވަނީ މިދިޔަ އަހަރުގެ ހިސާބުތައް އެޖަމާޢަތަށް އެއްކޮށް ލިބި ނިމޭނީ މިއަހަރުގެ މެދުތެރޭގައި ކަމަށް ވުމުން ކަމަށް އައިއޯޓީސީން ބުނެއެވެ. އަދި އަސްލު ބޭނުނު އަދަދުވެސް ލިބޭނީ އަހަރު ނިމުމުމަށް ކަމަށްވުމުން އެންމެ ފަހުގެ އަދަދަށް ރިއާޔަތްކޮށް އަހަރު ފެށެންވާއިރަށް އެންމެ ގިނައި ބޭނޭނެ މިންވަރު ކަނޑައަޅަން އުނދަގޫވާނެ ކަމަށް އައިއޯޓީސީން ބުނެއެވެ. ރީނދޫ އުރަހަ ކަންނެލި ރާއްޖެއިން ބޭނުމުގެ ތަފާސް ހިސާބައް ބަލާއިރު، 2020 ވަނަ އަހަރު ރާއްޖެއިން ވަނީ 42،000 ޓަން ބާނާފައެވެ.

އައިއޯޓީސީން މިކަމާއި ގުޅިގެން އާންމުކޮށްފައިވާ ސަރކިއުލާގައިވާ ގޮތުން، ޔޫރަޕުގެ އިއްތިހާދަށް 73،146 ޓަނުގެ ރީނދޫ އުރަހަ ކަންނެލި ބޭނޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ. ރާއްޖެ ފިޔަވައި ދެން އެންމެ ގިނައިން ކަންނެލި ބޭނުމުގެ އެންމެ ބޮޑު މިންވަރެއް ދީފައިވަނީ ސްރީލަންކާއަށެވެ. އައިއޯޓީސީން ބުނިގޮތުގައި ލަންކާއަށް 31،066 ޓަނުގެ ރީނދޫ އުރަހަ ކަންނެލި ބޭނޭނެއެވެ.

އިންޑިއާ ކަނޑުގެ ސަރަހައްދުގައި ކަންނެލި ސްޓޮކް ދައްވުމާއި ގުޅިގެން، މިސަރަހައްދުގައި ކަންނެލި ސްޓޮކް އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. ރާއްޖެއަކީ މަސްވެރިކަމަށް ބަރޯސާވާ ޤައުމަކަށް ވުމުން މި ސްޓޮކް ބެލެހެއްޓުމަށް ރާއްޖެއިންވެސް އިސްކަމެއް ދެއެވެ.

މިސަރަހައްދުގައި ކަންނެލި ސްޓޮކް ދައްވުމާއި ގުޅިގެން ބޭރުގެ ބައެއް ޖަމްއިއްޔާތަކުން މީގެ ކުރީންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މި ސަރަހައްދުން ބާނާ ކަންނެލި ނުގަތުމަށްވެސް ބައެއް ޖަމްއިއްޔާތަކުން މީގެ ކުރީން ގޮވާލާފައިވެއެވެ. މިކަމާއި ގުޅިގެން ރާއްޖޭގެ ފިޝަރީޒް މިނިސްޓްރީން އޭރު ބުނެފައިވަނީ ރާއްޖެއަކީ މި ސަރަހައްދުގައިވެސް އައިއޯޓީސީގެ މިންގަނޑުތަކާއި އެއްގޮތަށް މަސް ބަނާ ޤައުމެއް ކަމުން މިގޮތަށް ބޮއިކޮޓް ކުރުމަށް ގޮވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.